ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި، ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭއެއް ހަދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ސަރވޭ ކުރިއަށްދާނީ މި މަހުގެ 25 އިން 31 އަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ހިންގާ މި ސަރވޭގައި މައިގަނޑު ގޮތެއްގައި އޮޅުންފިލުވާނީ:
-
ދަތުރުގެ މައިގަނޑު މަޤްޞަދާއި ދަތުރުކުރި ޤައުމު
-
ޓިކެޓަށާއި ހުރުމަށް ހިނގި ޚަރަދު
-
ބޭސްފަރުވާއަށް ކުރި ޚަރަދާއި، ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރި ޚަރަދު
މި ސަރވޭގައި ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް ޒާތީ މަޢުލޫމާތެއް އެއްނުކުރާނެ ކަމަށާއި، ލިބޭ މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަޤީންކަން އެމްއެމްއޭއިން އަރުވައެވެ. ސަރވޭގެ މުއްދަތުގައި އެ އޮތޯރިޓީގެ މުވައްޒަފުން އެއަރޕޯޓުގައި ޙަރަކާތްތެރިވަމުންދާނެތީ، އަނބުރާ އަންނަ ދިވެހި ދަތުރުވެރިންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.


