ފަލަސްޠީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި، ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލީ މިސްރުގެ ގާހިރާގައި ކުރިއަށްދިޔަ ކޮންފަރެންސެއްގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަޤުރީރުކުރެއްވީ، އޯއައިސީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ސައޫދި އަރަބިއްޔާގެ ސަފީރު އަޙްމަދު ސަރީރުއެވެ.
ސަފީރުގެ ތަޤުރީރުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އަސީޖޭ) ގެ ނިންމުންތަކާ ޚިލާފަށް ފަލަސްޠީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި ރެފިއުޖީންނަށް އެހީތެރިވާ "އަންރުވާ" އަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވަމުން، ގުދުސްގެ ޤާނޫނީ އަދި ދީނީ ހައިސިއްޔަތު ހިމާޔަތްކުރެވޭނީ އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ކަމަށް ވިދާޅުވިއެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް 1975 ވަނަ އަހަރު އުފެއްދި ސީއައިއާރްޕީޕީއިން ވަނީ އޯއައިސީއާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހު ސެނެގާލްގައި ވެސް ޚާއްޞަ ކޮންފަރެންސެއް ބާއްވާފައެވެ. ފަލަސްޠީނުގެ ހައްޤުގައި އަޑުހަރުކޮށް ވަކާލާތުކުރާ، އަދި އޯއައިސީގެ މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ދަނީ މިފަދަ ކޮންފަރެންސްތަކުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.


