ފޮޓޯ: ރޮއިޓަރސް

ގިނަ ލަނޑުތަކެއް ޖެހި މެޗުގައި ފްރާންސް ބަލިކޮށް، ވޯލްޑް ކަޕްގެ ތިންވަނަ އިންގްލެންޑް ހޯދައިފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ފްރާންސްގެ މައްޗަށް ކުރިހޯދައި، އިންގްލެންޑުން މުބާރާތުގެ ތިންވަނަ މަޤާމު ކަށަވަރުކޮށްފިއެވެ. ޖުމްލަ 10 ލަނޑު ފެނިގެންދިޔަ މި ފޯރިގަދަ މެޗު އިންގްލެންޑުން ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ބާރުގަދަ ކުޅުމެއް ދައްކައި 4 ލަނޑުގެ ލީޑެއް ނަގާފައެވެ. އިންގްލެންޑްގެ ތަރިން ކަމަށްވާ ހެރީ ކޭން އާއި ބެލިންގހަމް ނުލައި ނިކުތް ނަމަވެސް، މެޗުގެ 3 ވަނަ މިނިޓުގައި ޑެކްލަން ރައިސް ވަނީ ގޯލެއް ޖަހައި ލީޑު ނަގާދީފައެވެ. އެއަށްފަހު 18 ވަނަ މިނިޓުގައި އެޒްރީ ކޮންސާ ލަނޑެއް ޖެހިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުކާޔޯ ސަކާ ވަނީ ދެ ލަނޑު ޖަހާފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެއް ހާފެއްގެ ތެރޭގައި ފްރާންސް ކޮޅަށް 3 ލަނޑަށްވުރެ ގިނައިން ވަން ފުރަތަމަ ފަހަރެވެ.

ފޮޓޯ: ރޮއިޓަރސް

ދެވަނަ ހާފު ފަށައިގެން ފްރާންސުން ވަނީ މެޗުގެ ނަތީޖާ އަނބުރާލުމަށް ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ. އެގޮތުން ކީލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއި ބާކޯލާ ޖެހި ލަނޑާއެކު ފްރާންސުން ނަތީޖާގެ ފަރަގު 4-3 އަށް ކުޑަކުރިއެވެ. މި މެޗުގައި އެމްބާޕޭ ޖެހި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި 22 ގޯލާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. މީގެ އިތުރުން ފްރާންސްގެ އޮލީސޭ ދިން އެސިސްޓްތަކާއެކު، އޭނާ ވަނީ މުބާރާތުގައި 7 އެސިސްޓް ހަމަކޮށް ޕެލޭގެ ރެކޯޑާ އަޅާކިޔާފައެވެ.

ފްރާންސުން ފަރަގު ކުޑަކުރި ނަމަވެސް، އިންގްލެންޑުން ވަނީ މެޗުގެ ފަހުކޮޅު އަލުން ކުޅުން ވަރުގަދަކޮށްފައެވެ. މެޗުގެ 87 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ސަކާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އިންގްލެންޑަށް 5 ވަނަ ލަނޑު ޖަހައިދިނެވެ. މެޗުގެ އިތުރު ވަގުތުގެ 6 ވަނަ މިނިޓުގައި ފްރާންސްގެ ޑެމްބެލޭ ލަނޑެއް ޖަހައި ފަރަގު އަނެއްކާވެސް ކުޑަކުރި ނަމަވެސް، އޭގެ ދެ މިނިޓް ފަހުން ބެލިންގހަމް ޖެހި ލަނޑާއެކު އިންގްލެންޑުން ވަނީ 6-4 އިން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ލޯ މެޑަލް ކަށަވަރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ