މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ސަލާމަތީ މާހައުލު އޮޅުންބޮޅުންވެ، ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެތީ ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އެ ޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ޚާއްޞަ އިންޒާރެއް ނެރެފިއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި އެމެރިކާގެ މަޞްލަޙަތުތަކަށް ނުވަތަ އެމެރިކާ މީހުން އެއްވެއުޅޭ ތަންތަނަށް އަމާޒުކޮށް ޙަމަލާދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެ އިދާރާއިން ވަނީ ބޭރު ޤައުމުތަކުގައި އުޅޭ އެމެރިކާ ރައްޔިތުން އަބަދުވެސް ޚަބަރުތައް ބަލައި ސަމާލުވެ ތިބުމަށް ހަނދާންކޮށްދީފައެވެ. މެދުއިރުމަތީގެ ބޭރުން ވެސް އެމެރިކާގެ ޑިޕްލޮމެޓިކް އިދާރާތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާކަން ފާހަގަކުރަމުން، ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކެނޑުމާއި ވައިގެ ސަރަޙައްދުތައް ބަންދުކުރުމުގެ ސަބަބުން ދަތުރުތަކަށް ބުރޫއަރާފާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ބޭރުގައި އުޅޭ އެމެރިކާ މީހުން، އެ ޤައުމެއްގައި ހުންނަ އެމެރިކާ އެމްބަސީން ނެރޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގާފައެވެ.


