ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން 3 ދާއިރާއަކުން ޕީއެޗްޑީގެ އައު ކޯސްތަކެއް ފެށުމަށް ނިންމައި، އެކަން އިއުލާނުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، މިއީ ރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާ ވަރުގަދަކޮށް، ޤައުމަށް ބޭނުންތެރި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ރާއްޖޭގައި ތިބެގެން ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ. މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އިންޓޭކުގައެވެ.
އަލަށް ތަޢާރަފުކުރި ކޯސްތައް:
-
ޕީއެޗްޑީ ކޯސްތައް: ޑޮކްޓަރ އޮފް ފިލޯސަފީ އިން މޯލްޑިވިއަން ކަލްޗަރ އެންޑް ހިސްޓްރީ، ޑޮކްޓަރ އޮފް ފިލޯސަފީ އިން ސޯޝަލް ސައިންސް، އަދި ޑޮކްޓަރ އޮފް ފިލޯސަފީ އިން ލޯ.
-
މާސްޓަރސް ކޯސްތައް: މާސްޓަރ އޮފް ރިސާޗް އިން އިންޖިނިއަރިންގ ސައިންސް، މާސްޓަރ އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް، އަދި މާސްޓަރ އޮފް އާރޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް.
އަލަށް އިތުރުކުރެވުނު ޕީއެޗްޑީ ކޯސްތަކާއެކު އެމްއެންޔޫއިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ އަދަދު ވަނީ 18 އިން 21 އަށް އިތުރުވެފައެވެ. މި ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠުތަކާއި އިތުރު ތަފްޞީލުތައް ކުރިއަށް އޮތްތަނުގައި ޔުނިވަރސިޓީގެ ރަސްމީ މަންސަތަކުން ހާމަކުރާނެ ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެވެ.


