ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ސައުދީ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކޮށްފިއެވެ.
މިކަން ހާމަކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނުގައި، ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތްކުރާ ކަމަށް ބުނެ ހޫޘީން ކުރާ ތުހުމަތުތައް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ޔަމަނުގައި ސުލްހަ ގާއިމުކުރުމަށާއި އާންމުންގެ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، ޔަމަނުގެ ގާނޫނީ ސަރުކާރާއި އދ. އާ ގުޅިގެން ސައުދީން ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަނެއެވެ.
އަދި ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީ ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރާ މުހިންމު ދައުރު ވެސް ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ސައުދީ އަރަބިއްޔާއާއެކު އޮތް ބަދަހި ގުޅުން އާކުރަމުން، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ ދެއްވާފައެވެ.


