ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުނު އަސްލަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށާއި، މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަޤާފަތް ނެގެހެއްޓިގެން ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މިނިވަންކަމާއި ޤައުމިއްޔަތު އާލާކުރުމުގެ ވައުދާއެކު އިންތިޚާބުވި ބޭފުޅެއް ކަމަށާއި، ދުނިޔޭގެ ކުރިމަތީގައި ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ބަލައިގަންނަ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަޤާފަތް ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ތާރީޚީ ހާދިސާތަކަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރަކުވެސް ދިވެހިންގެ ބަޔަކު އޭގެ ފަހަތުގައި ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މަރްޙޫމް އިބްރާހީމް ޝިހާބުގެ ބަސްފުޅާ އެއްގޮތަށް، ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ދެބަސްވާ ފިކުރުތައް ދޫކޮށް އެއްބައިވަންތަވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
އަދި ދިވެހިވަންތަކަން ކުރިއެރުވުމުގެ ސިޔާސަތެއް ސަރުކާރުން ތަންފީޒުކުރަނީ، ޤައުމިއްޔަތަށް އޭގެ ޙައްޤު މަޤާމު ހޯދައިދިނުމަކީ މިނިވަންކަން ދެމެހެއްޓުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށްވާތީ ކަމަށްވެސް ވަޒީރު ހީނާ ވިދާޅުވިއެވެ.


