އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މުޅި ރާއްޖެއަށް މިއަދު ހުދު އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ހެނދުނު 10:30 އިން މެންދުރު ފަހު 3:00 އާ ދޭތެރޭގައި އުދަ އަރާނެ ކަމަށް ބެލެވެއެވެ. ދިޔަވަރު ބޮޑުވި ވަގުތު އިއްޔެ މެންދުރުވެސް މާލެއަށް އުދައަރައި، އިންޑަސްޓްރިއަލް ވިލެޖާއި، ރާޅުގަނޑު ސަރަޙައްދުގެ އިތުރުން ކާނިވާ ސަރަޙައްދަށް ރާޅުތައް އަރައި، ޕާކުކޮށްފައި ހުރި ސައިކަލްތަކާއި ކާރުތަކަށާއި އެ ސަރަޙައްދުގެ ކެފޭތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އިއްޔެ އުދައެރި ފަހުން މެޓް އޮފީހުން ކ. އަތޮޅުން ފެށިގެން އައްޑުއަށް އެލާޓް ނެރުނު ނަމަވެސް، އެ ވަގުތުގެ ތެރޭގައި އެއްވެސް ރަށަކަށް އުދައެރި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މީގެއިތުރުން، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ ތަފާތު ސަރަޙައްދުތަކަށް ވިއްސާރަކުރާނެއެވެ.


