އީރާނާއި އެމެރިކާއާ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވޭނީ ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުން ކަމުގައި އީރާންގެ އިސް މުރުޝިދު އާޔަތުالله ސައްޔިދު މުޖުތަބާ ޙުސައިނީ ޚާމަނާއީ ތަކުރާރު ކުރައްވައިފިއެވެ.
ޚާމަނާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލުބްނާނުގެ ސަރަޙައްދީ އެއްބައިވަންކަން ދެމެހެއްޓުމަށާއި، ޙިޒްބުالله އާއި ޝަހީދުކޮށްލާފައިވާ އެ ޖަމާޢަތުގެ ކުރީގެ އިސްވާރު ސައްޔިދު ޙަސަން ނަޞްރުالله އަށް ތަޢުރީފު ކުރެއްވިއެވެ.
މީގެކުރިން ޖޫން މަހު އެމެރިކާއާއެކު ވެވުނު އިބުތިދާއީ އެއްބަސްވުން ހުރުމުޒް ކަނޑުއޮޅިއާމެދު އުފެދުނު ދެބަސްވުންތަކާ ހުރެ އުވިގެންދިޔައިރު، ލުބްނާނާއި ޔަހޫދީން ދެމެދު ވެވުނު އެއްބަސްވުމާވެސް ޔަހޫދީން ވަނީ ޚިލާފުވެފައެވެ.
އަނެއްކޮޅުން، 13 ދުވަހަށްފަހު ޖުލައި 24 ގައި އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލާފައިވަނީ، އެމެރިކާގެ އިންޓަރސެޕްޓަރ މިސައިލް ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަން ދޮގުކުރައްވާފައެވެ.
އެމެރިކާއިން ހަމަލާތައް މެދުކަނޑާލުމާއެކު، އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ) އިންވެސް ވަނީ ގަލްފުގެ ޤައުމުތަކުގައިވާ އެމެރިކާގެ އަމާޒުތަކަށް ދެމުންދިޔަ ރައްދު ހަމަލާތައް މެދުކަނޑާލާފައެވެ.


