ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފުޑް އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ޤަވާއިދު އެކުލަވާލައިފިއެވެ.
މި ޤަވާއިދުގެ ދަށުން އިންސްޕެކްޓަރުންނަށް ދުރާލައި އެންގުމަކާ ނުލައި ކާބޯތަކެތި އުފައްދާ އަދި ވިއްކާ ތަންތަން ބަލައި ފާސްކުރުމާއި، ސާމްޕަލް ނެގުމާއި، މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމާއި ނައްތައިލުމުގެ ބާރު ލިބިގެންވެއެވެ. ނަމަވެސް އަމިއްލަ ގެދޮރު ފާސްކުރެވޭނީ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ޤަވާއިދުގައި އިންސްޕެކްޓަރުން މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމަށާއި، ރިޝްވަތު ނެގުމާއި ދޮގު މައުލޫމާތު ދިނުން ފަދަ ކަންކަން ވަނީ ކަނޑައެޅިގެން މަނާކޮށްފައެވެ. ޤާނޫނާ ޚިލާފުވާ ފުރަތަމަ ފަހަރު 5,000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ތަކުރާރުވާ ވަރަކުން ޖޫރިމަނާ އިތުރުވެ ފަސްވަނަ ފަހަރަށް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މީގެއިތުރުން ސިވިލް ސާވިސް ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުވެސް އެޅޭނެއެވެ. އަދި އިންސްޕެކްޓަރެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ހުށަހެޅުމުން 30 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންޖެހޭނެކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.


