ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭހެން ޒުވާނުން އިންތިޚާބު ކުރެވޭނެ ގޮތް ހެދުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
މިއީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނާއި އަންހެނުންނަށް ވާތީ، ޑިމޮކްރަސީއާއި ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ކަންކަން ނިންމުމުގައި އެފަރާތްތަކަށް ދާއިމީ ފުރުޞަތު ދިނުމަށް އިސްކަންދޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޒުވާނުންނާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި، 5,600 އަށްވުރެ ގިނަ ޒުވާނުންނަށް ކުދިލޯނު ލިބޭނެ ސްކީމެއް ތަޢާރަފްކޮށް، ކްރިއޭޓިވް އިކޮނޮމީ ފުޅާކުރުމަށް ފުރުޞަތުތައް ފަހިކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވަޠަނީ ޚިދުމަތުގެ ތެރެއިން ޤައުމާއި ދީނަށް ލޯބިކުރާ، ހުނަރުވެރި އަދި ބިނާކުރަނިވި ޒުވާނުންތަކެއް އުފެދިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.


