5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 1.67 މިލިޔަން ގަސް އިންދާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ޖޫން 5 ގައި އިފްތިތާޙުކުރި މި ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ 2 މިލިޔަން ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު، ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވަނީ މާލެ ސަރަޙައްދުގައި ބިން ހިއްކައިގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު އެ ތަންތަން ފެހިކުރުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

އަދި 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދުމުގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ޔަޤީންކަން ބޮޑުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކަށް ފަންޑުދީގެން ނާސަރީތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކަނިވެސް 1 މިލިއަން ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އެހެނިހެން ކުންފުނިތަކާއި ބޭރުގެ އެހީތެރިކަމާއެކުވެސް ގަސް އިންދުން ދަނީ ކުރިއަށެވެ.
މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ރައީސް މުޢިއްޒު އިޢުލާންކުރެއްވީ 2023 ވަނަ އަހަރުގެ ކޮޕް 28 ސަމިޓުގައެވެ.


