ހިނގުމަކީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ބަރުދަން ކޮންޓްރޯލް ކުރުމަށް ބޭނުންވާ މީހުންނަށް އެންމެ ފަސޭހައިން ކުރެވޭނެ އެއް ކަސްރަތެވެ. ބުރަ ކަސްރަތުތަކާ ހިލާފަށް، ހިނގުމަށް ހާއްސަ ސާމާނެއް ނުވަތަ ތަމްރީނެއް ބޭނުންނުވާއިރު، ކޮންމެ ތަނެއްގައިވެސް މިކަން ކުރެވިދާނެއެވެ. ގަވާއިދުން ހިނގުމަކީ ކެލޮރީ އަންދައިދީ، މެޓަބޮލިޒަމް ރަނގަޅުކޮށް، މަސްތައް ވަރުގަދަކޮށްދީ، މުޅި ސިއްހަތަށް ފައިދާކުރާ ކަމެކެވެ.
ގިނަ ބައެއްގެ އަމާޒަކީ ހަފުތާއަކު 1 ކިލޯ ހިއްކާލުމެވެ. ނަމަވެސް ހަމައެކަނި ހިނގައިގެން މި އަމާޒަށް ވާސިލްވުމަށް ބޮޑު މަސައްކަތެއް ކުރަންޖެހެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ހަށިގަނޑުން އެއް ކިލޯގެ ސަރުބީ ވިރުވާލުމަށް ގާތްގަނޑަކަށް 7,700 ކެލޮރީގެ އުނިކަމެއް ބޭނުންވެއެވެ. މީގެ މާނައަކީ ހަތް ދުވަސް ވަންދެން ކޮންމެ ދުވަހަކު، ބޭނުންކުރާ ކެލޮރީއަށްވުރެ 1,100 ކެލޮރީ އިތުރަށް އަންދަން ޖެހުމެވެ.
ހިނގުމުގެ ސަބަބުން ކެލޮރީ އަންދައިދިން ނަމަވެސް، ހަމައެކަނި ހިނގައިގެން 1 ކިލޯ ހިއްކުމަކީ އުނދަގޫ ކަމެކެވެ. އެވްރެޖްކޮށް މީހަކު އަޅާ ކޮންމެ 1,000 ފިޔަވަޅަކަށް އަންދައިދެނީ 40 އާއި 50 އާ ދެމެދުގެ ކެލޮރީއެވެ. މި ހިސާބުން ބަލާއިރު، ކެއުމަށް އެއްވެސް ބަދަލެއް ނުގެނެސް ހަފުތާއަކު 1 ކިލޯ ހިއްކުމަށްޓަކައި ދުވާލަކު ގާތްގަނޑަކަށް 22,000 އާއި 27,500 އާ ދެމެދުގެ ފިޔަވަޅު އަޅަންޖެހެއެވެ. މިއީ ހަތް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 1.54 ލައްކަ އާއި 1.92 ލައްކަ އާ ދެމެދުގެ ފިޔަވަޅެވެ.
ނަމަވެސް، ކޮންމެ ދުވަހަކު މިހާ ގިނަ އަދަދަކަށް ފިޔަވަޅު އެޅުމަކީ އެންމެންނަށް އެންމެ އެކަށީގެންވާ ކަމެއް ނޫންކަމަށް މާހިރުން އިންޒާރުދެއެވެ. މާ ގިނައިން ހިނގުމަކީ ހުޅުތަކަށް ބާރުބޮޑުވެ، މަސްތަކުގައި ރިއްސައި، ގަވާއިދުން އެކަން ކުރުމަށް ހުރަސްއެޅިދާނެ ކަމެކެވެ. ބަރުދަން އިތުރު މީހުންގެ ކޮންމެ ފިޔަވަޅަކަށް އަންދާ ކެލޮރީގެ މިންވަރު ކުޑަކޮށް އިތުރުވާއިރު، ބާރަށް ހިނގުމުން ލަހުން ހިނގުމަށްވުރެ ގިނައިން ކެލޮރީ އަންދައިދެއެވެ.
ހަމައެކަނި ހިނގުމަށް ބަރޯސާވުމުގެ ބަދަލުގައި، ގަވާއިދުން ކަސްރަތު ކުރުމާއެކު ސިއްހަތަށް ފައިދާހުރި ކެއުމެއް ބޭނުންކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. ކޮންމެ ދުވަހަކު ކެއުމުން ލިބޭ ކެލޮރީގެ ތެރެއިން 500 ކެލޮރީ މަދުކޮށްލުމުން، ބަރުދަން ލުއިކުރުމަށް ފަސޭހަވެ، އަޅަންޖެހޭ ފިޔަވަޅުގެ އަދަދު މަދުވެގެންދާނެއެވެ. ކެއުމަށް ބަދަލު ގެނައުމާއެކު، ދުވާލަކު 12,000 އާއި 15,000 އާ ދެމެދުގެ ފިޔަވަޅު އެޅުމުން ބަރުދަން ލުއިކުރުމުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވެދެއެވެ.
ދެމެހެއްޓެނިވި ނަތީޖާއެއް ހޯދުމަށްޓަކައި، އަވަސް އަވަހަށް ބަރުދަން ލުއިކުރުމުގެ ބަދަލުގައި މަޑުމަޑުން ބަރުދަން ލުއިކުރުމަށް މާހިރުން ލަފާދެއެވެ. ދުވާލަކު 10,000 އާއި 12,000 އާ ދެމެދުގެ ފިޔަވަޅު އެޅުމުން، ކެއުމާއި ހަށިގަނޑުގެ ބަރުދަނަށް ބަލައި، 10 ދުވަހާއި 15 ދުވަހުގެ ތެރޭގައި 1 ކިލޯ ހިއްކާލެވިދާނެއެވެ.
ހިނގުމަކީ މިއަށްވުރެ ފައިދާހުރި ކަމަކަށް ހެދުމަށް ބައެއް އުކުޅުތައް ބޭނުންކުރެވިދާނެއެވެ. ބާރަށް ހިނގުމާއި، އުސް ތަންތަނަށް އެރުމާއި، ދުވާލުގެ ހަރަކާތްތެރިކަން އިތުރުކުރުމުން ގިނައިން ކެލޮރީ އަންދައިދެއެވެ. ނަމަވެސް، އަލަށް ފަށާ މީހުން ކުއްލިއަކަށް ފިޔަވަޅުގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި، ކޮންމެ ހަފުތާއަކު %10 އަށްވުރެ އިތުރުނުވާނެހެން މަޑުމަޑުން ހަރަކާތްތެރިކަން އިތުރުކުރަންވާނެއެވެ.
މީގެ އިތުރުން، ހަށިގަނޑަށް އަރާމުދޭނެ ދުވަސްތައް ކަނޑައެޅުމަށާއި، މަސްތައް އާލާވުމަށްޓަކައި ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދު ނިދުމަށާއި، ގިނައިރު ހިނގާއިރު ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް މާހިރުން އިރުޝާދުދެއެވެ. އެއްފަހަރާ ގިނައިރު ހިނގުމުގެ ބަދަލުގައި، ދުވާލަކު ތިން ފަހަރު 20 މިނެޓު ހިނގުން ފަދަ ގޮތަކަށް ބަހާލުމުން، އެކަން ގަވާއިދުން ކުރުމަށް ފަސޭހަވާނެއެވެ.ޖުމްލަކޮށް ބަލާއިރު، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ދިރިއުޅުމުގެ އާދަކާދަތަކަށް ގެންނަ ދެމެހެއްޓެނިވި ބަދަލުތަކާއެކު ހިނގުމަކީ، ބަރުދަން ކޮންޓްރޯލްކުރުމަށާއި ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ ރައްކާތެރި، ދެމެހެއްޓެނިވި އަދި ފައިދާހުރި ކަމެކެވެ.


