ތެދުބުނުމަކީ ސުވަރުގެއަށް މަގުފަހިވާ ކަމެއްކަމަށާއި، ޙައްޤު ގާއިމް ކުރުމަށްޓަކާ ހެކިބަސް ދިނުމުގައި މުސްލިމުން އެއްވެސް މީހަކަށް ބަލައިގެން ނުވާނެ ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ތެދު ބުނުމަކީ ސުވަރުގެއަށް މަގުފަހިވާ ކަމެކެވެ." މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވި ގޮތުގައި ހެކިބަސް ދިނުމުގައިވެސް ތެދުވެރި ވުމަށާއި، ތެދުބަސް ބުނުމަށް އިސްލާމް ދީން ވަނީ އަމުރު ކުރައްވާފައެވެ.
"ޙައްޤު ގާއިމް ކުރުމަށްޓަކާ ހެކިބަސް ދިނުމުގައި މުސްލިމުން އެއްވެސް މީހަކަށް ބަލައިގެން ނުވާނެއެވެ. އެންމެ މޮޅު މީހާއާއި ދެކޮޅަށް ވިޔަސްވެސްމެއެވެ. އަދި ކީއްތޯއެވެ! ތިމާގެ އަހުލުންނާއި ދެކޮޅަށް ކަމުގައިވިޔަސް މުސްލިމުން ހެކިބަސް ދޭންވާނީ ޙައްޤަށެވެ. ވަކި ބޭނުމެއް ޙާސިލްކުރުމުގެ މަގުސަދުގައި ދޮގުހެކި ދީގެން ނުވާނެއެވެ."
ހުކުރު ޚުޡުބާގައި ބަޔާންކުރި ގޮތުގައި އޮޅުވައިލުމަކީ ހަމައެކަނި ދޮގެއް ހެދުމެއް ނޫނެވެ. އޭގެ އިތުރަށް ޙައްޤު ވަންހަނާ ކުރުމަކީވެސް ދޮގުހެދުންކަން ބަޔާން ކުރައަވަމުން ޚުޡުބާގައި ވިދާޅުވި ގޮތުގައި އެއީ ޙައްޤު ނައްތާލާފައި އޭގެ ބަދަލުގައި ބާތިލް ގެނެސްގަތުމެވެ. އޭގެ އިތުރުން ވައުދަށް ވަފާތެރި ވުމަކީވެސް ތެދުވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަން މިއަދުގެ ހުކުރު ޚުޡުބާގައި ފާހަގަ ކުރައްވާފައި ވެއެވެ.
ކީރިތި ރަސުލާއަކީ އެކަލޭގެފާނުގެ ހަދީސް ކުރައްވާ ބަސްފުޅުތަކަށް އިޙްތިރާމްކޮށް ހިތްތެވި ބޭކަލެއްކަމަށާއި އަދި އެކަލޭގެފާނަށް އިވިވަޑައިގަންނަވާ ބަސްތަކަށް އިޙުތިރާމް ކުރައްވާ ކަމަށާއި، މީސްތަކުންގެ ފަރާތުން އިވި ވަޑައިގަންނަވާ ކޮންމެ ވާހަކައެއް އަނެކުންނަށް ނުއިއްވަވާކަމަށާއި، އެއްޗެއް ވިދާޅުވުމުގެ ކުރިން އޭގެ އަގު ވަޒަން ކުރައްވާ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވީ، ތެދު ބުނުމަކީ ކުރާ ކަންކަތައް ތަކުގައިވެސް ތެދުވެރިވުން ހޯދައިދޭ ކަމެކެވެ. އެއީ ހުރިހާ ކަމެއް ރަގަޅު ކޮށްދޭ ކަމެކެވެ. އަދި އެކަމުގައި ކެތްތެރިވެ ދެމިހުރެއްޖެނަމަ އޭނާގެ ނަފްސު އަލިމަގަށް މިސްރާބުވާނެ ކަމުގައި ޚުޡުބާގައި ފާހަގަކުރައްވާފައިވެއެވެ.