މަނަދޫ އަޒީގެ ޅެންހާރު: ލޮބުވެތި އަޚް އުޚްތުނޭ!

ރޯދަމަސް ދިޔަޔަސް އެކުރިހެޔޮ ޢަމަލުތައް ދޫކޮށް ނުލާއްޗެ!
ރޯދައިން ލިބިދިން ފިލާވަޅުތައް ހަނދުމަނެތިކޮށް ނުލާއްޗެ!
އަހަރަކުން އެއްފަހަރު ނަފުސާހިތްއެކީ ޠާހިރުކުރަން
އަހަރުގައި ލިބިދިޔަ މި ފުރުސްތު އަތްމަތީން ދޫކޮށްނުލާއްޗެ!
ރީތި ނަލަ ފޭރާމަކުން ޒީނަތްވެގެން ތިބެފައި މިހެން
ވީދިފައިވީ ބައު ހެދުންދެން ހަށިގަނޑަށް ނަމަނަމަ ނުލާއްޗެ!
ރޭތަކާއި ދުވަސްތަކެއް ބަރަކާތްތަކުން ފުރިގެން އެއައި
ހޭދަކުރުމަށްފަހު ހަވާނަފުސަށް ލަގަން ދޫކޮށްނުލާއްޗެ!
ދަރުމަވެތި ފުންމާކަނޑަށް ފީނައި އެނެގިހައި ރަންމުތެއް
ހަރުދަނާކަން ނެތްގޮތެއްގައި އަތްމަތީން ދެން ދިޔަނުދޭއްޗެ!
ހިތުގެ ޖަޒްބާތާ ޝުޢޫރަށް ލިބުނު ރޫޙާނީ ޣިޛާ
އިތުވާނޭހައިގޮތަށް ހެޔޮ ޢަމަލުތައް ބައްޓަންކުރާއްޗެ!
ދިރިހުރުން މިންވަރުވެފައިވާ ގޮތް ކިޔަން ނޭނގޭކަމުން
ދިރިއުޅުން ދުނިޔޭގެމައްޗަށް ހަމައެކަނި ދޫކޮށްނުލާއްޗެ!

10 އެޕްރީލް 2024
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *