މަނަދޫ އަޒީގެ ޅެންހަރު: މަންމަގެ ނަސޭހަތް

މަންމަ ދޭ އަގުހުރި މި ނަސޭހަތް އަހާށޭ ދަރިފުޅާ
މަންމަ މިބުނާހައި ކަމެއް ހިތުދަސްކުރާށޭ ދަރިފުޅާ
ބައްޕަޔަށް ޤަދަރާއެކީގައި އިޙްތިރާމާ ލޯބިދީ
މަންމަމެންނަށްވެސް ނިކަން ހެޔޮކޮށް ހިތާށޭ ދަރިފުޅާ
ބޭބެމެންނާ ދައްތަމެންނާ ކޮއްކޮމެންނާ އެކުލަވައި
ގޭތެރޭގައި ރީތި އާދަތަކެއް ހިފާށޭ ދަރިފުޅާ
ބޭރު ތެރެއަށް ގޮސްއުޅޭއިރު ނޭދެވޭ އެކި ކަންކަމާ
ފޭވެގެން އުޅުމަށް ސަމާލުވެގެން އުޅޭށޭ ދަރިފުޅާ
މަގުމަތީގެ އަދަބުތަކަށް އަދި އިސްކަމެއްދީގެން ވަކީން
މަގުގެ އެއްކައިރިން ހިނގުން ދޫކޮށްނުލާށޭ ދަރިފުޅާ
ބޮޑެތިމީހުންނާ މުޚާޠަބް ކޮށްއުޅޭއިރު ރީތިކޮށް
ބޮޑެތި މީހުންނަށް އަދަބުވެރިވާންޖެހޭނޭ ދަރިފުޅާ
މުސްކުޅީންނަށް އިޙްތިރާމާ ހިތުގެ އޯގާތެރިކަމާ
ހުސްކުރާށޭ އަބަދުވެސް ދިރިއުޅުމުގައި އޭ! ދަރިފުޅާ
ޓީޗަރުންނަށް އަދަބުވެރިކަން ފާޅުކުރަމުން ހެޔޮހިތުން
ޓީޗަރުންނާ ގާތްކަމެއް ބާއްވަންޖެހޭނޭ ދަރިފުޅާ
މަދަރުސާއިންދޭ ފިލާވަޅުތައްބަލައި ގޭގައިހަދަނަން
ހަނދުމަކޮށްގެން ވަގުތު އެކަމަށް ހުސްކުރާށޭ ދަރިފުޅާ
ރަނގަޅުކަންކަމުގައި ހިފައިގެން ރަނގަޅުހައި ގޮތްތައް މަތީ
ރަނގަޅު ނިޔަނެތި ކުއްޖަކަށްވާން ދަސްކުރާށޭ ދަރިފުޅާ
ދީނުގައިހުރި ރީތި އާދަތަކާއި އަދަބުތަކަށްބަލައި
ދީނުގައި ގަދަޔަށް ހިފަންވާނޭ މަގޭ ކުޑަދަރިފުޅާ
ފަސްވަގުތުގެ ނަމާދު ފުރިހަޔަށް އަދާކުރުމަށްޓަކައި
ފަސްނުޖެހި ތައްޔާރުވާށޭ އަބަދުވެސް ހަމަ ދަރިފުޅާ
މާތްކަމާ ޝަރަފާއި ޢިއްޒަތް ދެދުނިޔޭން ހޯދެން އޮތީ
މާތްވި އިސްލާމްދީނުގައި ހުރެގެންނެ މަންމަގެ ދަރިފުޅާ
މަންމަ ދެލޮލުގެ ނޫރުފަދަވީ ލޯބި ނިޔަނެތި ދަރިފުޅާ
މަންމަ ދިން މި ނަސޭހަތުން ޢިބްރަތް ހިފާށޭ ދަރިފުޅާ

23 ޑިސެމްބަރު 2023
عبدالعزيز قاسم، ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *