ރިޝްވަތަށް ނަމަނަމަ ނަފުސު ވިއްކައިނުލާތި
އިސްޖެހޭ ދުވަހެއް ފަހުން އޮތްކަން ބަލާތި
މިއަދު އޭން ފޮނިމީރުކަން ޙާޞިލުވިޔަސް
އެއަކު ފޮނިކަން މާދަމާ ނެތްކަން ބަލާތި
ބާރުލިބި ހުއްޓަސް މުލައްދަޑިއަށް މިހާރު
ބާރު ނާޖާއިޒު ގޮތަށް ހިފަމުން ނުދާތި
ތަނަވަހުން ތަނަވަސްވެ އަތް ބަންޑުން ވިޔަސް
ގަނަތެޅެން ޖެހިދާނެކަން ދަނެގެން އުޅޭތި
ފުނިޖެހެވި ހުއްޓަސް މުދާ ފަހިކަންމަތީ
ކުނިވިޔަސް ޖާއިޒު ނުވާނަމަ އަތްނުލާތި
ދީބަހާ ހަދިޔާތަކަށް ގޮތްނޭނގި ހުރެ
ޖީބު ބަރުކުރުމަށްޓަކައި ދަހިވެތި ނުވާތި
ދުނިޔެޔާ ހެދި ޢިއްޒަތާ ނަފުސާ ތިމާ
ކުނިވެ ފުޅައެޅުމަށް އެހެން ދޫކޮށްނުލާތި
ކަން ކުރާއިރުގައި ދެފުށް ފެންނާނެހެން
ކަން ކުރުން އޭ ރަނގަޅު ގޮތްކަމުގައި ބަލާތި
މިއަދު ބޭނުންހައި ކަމެއް ތިބެ ކުރެވުނަސް
މިއަދު ނޯންނާނޭކަމަށް އަބަދުމެ ބަލާތި
ބީވެގެން ދިޔަޔަސް އަތުން ކަންތައްތަކެއް
ޙީލަތާ މަކަރާހަދައި އޮޅުވައި ނުލާތި
ހެޔޮކަމެއް ކޮށްދީފި ހިތްހެޔޮ މީހަކަށް
ހެޔޮކަމެއް ނޫނީ ބަދަލުގައި ކޮށްނުދޭތި
ސަބަބުތައް ކުރިމަތިވިޔަސް އެކި ގޮޮތްގޮތަށް
އަބުރު ގެއްލޭފަދަ ކަމެއްނަމަ ގާތްނުވާތި
މާދަމާ ރައްބުލްޢުލާ މާތް ޙަޟްރަތަށް
ދާންޖެހޭނޭކަން ހަނދާނުން ފޮހެނުލާތި
16 އެޕްރީލް 2024
عبدالعزيز قاسم، ލިލީ ނ.މަނަދޫ


