ކޮންމެހެން މަޖުބޫރުހޭ މަތިވެރި ޢިނާޔަތްތައްދިނުން
ކޮންމެ ގޮތަކަށް ކަންވިޔަސް މީހާއެހުންނަ މަޤާމަކުން
ކޮރަޕްޝަންގައި ތަތްވެގެން މީހާ ސަލާމަތް ނުވެވުނަސް
ފަރަގުކޮން "ބޮޑުކަން"ބަލައި ބައިދޭންޖެހޭހޭ ދައުލަތުން
ތަތްވެފައި ފަސްބައިއޮތަސް ރިޝްވަތުގެ ހަޑިހަޑި ލައްތަކުން
އަތްއަޅާފައި އެތަނުގައި ފޮރުވަންޖެހޭހޭ ގަދަކަމުން
ޝަރަފުވެރިކަމުގައި މަޤާމު އަދާކުރުން ހަމަލާޒިމޭ
ފަރަގުނެތި ހަމަ ކޮންމެ މީހަކުވެސް އެމީހާ ނިސްބަތުން
ވަކިމަަޤާމެއްގައި ތިބޭ ބަޔަކަށް ވަކިންމޮޅު ގޮތްތަކެއް
ވަކިވުމަށްފަހުވެސް މަޤާމުން ވުންއޮތީ ކޮންޙައްޤަކުން
އަނބިދަރީންނާ ޢާއިލާގައި ހިމެނިދާހައި އެންމެނަށް
މަތިފުށުން ވާރުތަވެދާހެން ބައިލިބެންވީ ކިހިނަކުން
ސިވިލްސަރވިސްގައިއުޅޭ ނިކަމެތި އެތައްހާސްރައްޔިތުން
އިވިމިދާ އަޑުތައްއަހައި ނޫނީއެބޮތްހޭ؟ އިނދަޖެހުން
އެންމެ ތެދުވެރިކަންމަތީ ފުރިޔަސް މަޤާމެއް ހެޔޮހިތުން
އެންމެ ޒައްރެއްވެސް ލިބޭހެއްޔޭ؟ މަޤާމުން ވަކިވުމުން
މީއުސޫލެއްހޭ؟ ނުވަތަ އިންސާފުހޭ؟ ހަމަހަމަވެވޭ
ރީތިކޮށް ވިސްނާލުމުން މިސުވާލު އާދޭ އުފެދެމުން
24 އެޕްރީލް 2024
عبدالعزيز قاسم، ލިލީ ނ.މަނަދޫ


