ޚުލާޞާ:
ހިތަށް ދިން އަރާމާ އުފާތައް ކޮބައިހޭ؟
މިޢާލަމް ތެރޭން ނެތިވެ އަބަދަށް ދިޔައިހޭ؟
ސަރާސަރު މަގެއް ރީތި ހިނގުމަށްމެ ފެނިފައި
ޤަރާރުވެ އެތާ ހުރެވިދާގޮތް ނުވީހޭ؟
ތަބައްސުމް އެ ފަރިފަރި ހިތަށްކޮށްލި ގޯނާ
ތަސައްވުރުނުވާ ފަދަ ދުރަށް ގެއްލުނީހޭ؟
ޙިމާޔަތުގެ އުނގަކުން އެ ލިބިދިން އެހީތައް
ބިމާއެކުވެ އަބަދަށް އެކީ ވަޅުޖެހީހޭ؟
ކަމާ ރީތި އަބުރާއި ޝަރަފުގެމަތީ އައި
ޒަމާން ހިތުގެ ވޭނެއް ކަމަށްވެވި ދިޔައިހޭ؟
އިލާހިއްޔަ ޢަދްލުގެ ނިޔާ އެންމެ މަތިވެރި
ޚިލާފެއްނުވާ' ލޯތަކަށް ހާމަވީހޭ؟
ރެއެއްގައި އެޅުނު ގަދައެ ބިންގާމަތީގައި
ގެއެއް ކުރިބިނާރީތި ފުނޑިގެން ދިޔައިހޭ؟
ކޮބައިހޭ؟ މަގޭ ހިތުގެ ލޮބުވެތިވި ރާނީ
އޮބާލައި މުޅީން ލޯތަކަށް ގެއްލުނީހޭ؟
ހަދާފައި ގަލުންހުރި އެ ބިސްތާނަ ނޫނީ
ހަނދާނެއް ކޮބައިހޭ؟ މިތާނގައި ނެތީހޭ؟
ހަނދާންތައް އެ ކޮށްކޮށް އަބަދު ދުނިޔެ ޢުމުރަށް
އަދާ މާދަމާވެސް އޮތީ ހުސް ރުއިންހޭ؟
28 އެޕްރީލް 2024
عبدالعزيز قاسم، ލިލީ ނ. މަނަދޫ


