ރޭދުވާތައް ދައުރު ވިޔަކަސް ނުފިލަޔޭ އެހަނދާން ހިތުން
ހޭދަކުރެވުނު ރަންޒަމާނޭ ފެންނަނީ އަދިވެސް ލޮލުން
އެންމެ ޢުމުރުން ވިހި އަހަރުގައި އެޅުނުގަދަ ބިންގާމަތީ
އެންމެފުރިހަމަ ވިހި އަހަރު ގުނުނޭ ޒަވާޖްގެ ދަފްތަރުން
އެކުއެކީ ހިއްސާވެގެން ކުރެވުނުމި ފުރިހަމަ ދަތުރުގައި
އެކުވެގެން ލޯތްބާ ވަފާތެރިކަންއަޔޭ ހިނިތުންވަމުން
ޗާލުނިޔަނެތި ސޫރަފަރިފަރި ޝާޒްލީގެ އެ ހިންމަތުން
ޗާލުކަން ގެނުވައިދިނޭ ދިރިއުޅުމުގައި އެ ޒުވާން އަތުން
ހާއުފާވެރިކަމުގެ ގުލްޝަން ފަރިވަމުން ފޮަޅެމުން އައޭ
މާތަކުން ކުލަރީތިވީހައި މީރުވަސް ފަތުރައިދެމުން
ބުލްބުލާ މުނިޔާތަކާ މައިނާތަކުގެ ފޮނިރާގުތައް
އުލްފަތާއެކު އިވިއަޔޭ ހިތްގައިމުކަން ގެނުވައިދެމުން
އަދަބުވެރިކަން އެކުވެފައިވާ ރީތި އަޚްލާޤިއްޔަތުން
ޤަދަރުވެރިކަން އޭނަޔަށް ލިބިއާދެޔޭ މީހުންމެދުން
އަބަދު ހިނިތުންވުން އެއީ އޭނާގެސާފު ޠަބީޢަތޭ
ސަބަބަކަށް ހިތްގައިމުކަން ގެނުވާ މިކަންވޭ އެކިގޮތުން
ހިތުގެ އޯގާތެރިކަމާ ކުލުނާއި އެކުވެރިކަން އެއީ
މިތުރުނަށް އޭނާކުރާ ޞަދަޤާތެކޭ ސީދާގޮތުން
އުތުރިއަރަމުންދާ ކަނޑެއްފަދަ ހިތުގެ ދީލަތިކަންއެއީ
އިތުރު އޭނާއަށް ލިބުނު ހަދިޔާއެކޭ މާތް ޤުދްރަތުން
* ނުނިމޭ
29 އެޕްރީލް 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ


