މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ހަތްވަނަ ބައި)

ދިއްކުރާ އަހަރެންމިއަތުގައި ހިފުމަކީ އެދުމޭ ނަގޭ
އިންތިހާޔަށް ބޭނުމޭ ތިޔަ މާބަގީޗާޔަށް ވަނުން
އަހުރެނަށް އަދު ދީފިނަމަ ތިޔަހިތުގެ ކުޑަވެސް ޖާގަޔެއް
ބަހުގެ އިތުބާރާ ޔަޤީންކަން ދާނެޔޭފެނި ކަށަވަރުން
ދީފިނަމަ އިތުބާރުކަން އަހަރެންގެނަފުސަށް ތިޔަހިތުން
ރީތި ޚުލްޤެއް ދާނެޔޭފެނިގެން ޔަޤީން އަހަރެންފުށުން
ހިތުގެ ޖަޒްބާތުން އޮހޭމީ ރީތި ސާފު ޙަޤީޤަތޭ
އިތުރުކުރުވާ ލޭފަވެތި ހިތުގައިހިނގާ އިޙްސާސަކުން
* * * * * * * * *
މިހުރިހައި ވާހަކަތަކެއް ދައްކައިމަގޭ ނިންމާލިއިރު
ރިހިލަރިހިލައިއޮތް ހިތަށް ލިބުނޭލުޔެއް ވަގުތީގޮތުން
އިސްޖަހާލައިގެން އެ ހުރިއިރު ޝާޒްލީގެ އެ ރީތިކަން
ޖިސްމުތައް އާޝޯޚުވާފަދައޭ އެހުރި ފުރިހަމަކަމުން
ރީތިމޫނާ ދެލޮލުގައިހުރި ޖާދުވީ ފުން އަސަރަކުން
ބީހިލަން ވައިރޯޅިވެސް ހުއްޓުންއަރާނޭ ކަށަވަރުން
ރީތިފަރި ހިނިތުންވުމެއް ތުންފަތްމަތީގައި ކުޅެލުމުން
ހީވިޔޭ ލަދުގަހަކު ފަތްތައް ހުޅުވެނިއްޔޭ މަޑުމަޑުން
ހިނދުކޮޅެއްގެ ހިމޭންކަމެއް ދެފަރާތުގައި ދިޔުމަށްފަހުން
ހަނދުގެދޯދި ވިދާލިޔޭ ނަލައަލިކަމާއެކު އުދަރެހުން
ރީތި ފިނިފެންމަލަކު ފިޔަ ވައިރޯޅިޔާ ހެލިލާފަދައިން
ރީތިތުންފަތް ހެލިލިޔޭ އަޑަކާއެކީގައި މަޑުމަޑުން

* ނުނިމޭ…
4 މެއި 2024
* عبدالعزيز قاسم، ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *