ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ގައި، ޖަޕާން އިންޑޮނޭޝިއާ އަތުން މޮޅުވެ، ކޮލިފައިވުމުގެ ފުރުސަތު ފުޅާކޮށްފިއެވެ.
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ މުބާރާތުގެ އޭޝިއާ ބައްރުގެ ތިންވަނަ ބުރުގެ ގްރޫޕް ސީގައި އިއްޔެ ބޭއްވުނު މެޗުގައި ޖަޕާނު ވަނީ އިންޑޮނޭޝިއާއާ ދެކޮޅަށް 4-0 ގެ ނަތީޖާއަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައެވެ. މި ކާމިޔާބީއާއެކު ޖަޕާނުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
މި މެޗާ ހަމައަށް ކުޅެފައިވާ ފަސް މެޗުން ޖަޕާނަށް ވަނީ 13 ޕޮއިންޓް ހޯދައި، ގްރޫޕުގެ އެއްވަނަ މަޤާމުގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. ދެވަނަ މަޤާމުގައިވާ އޮސްޓްރޭލިއާއަށް ފަސް މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ.
ޖަކާޓާގެ ބަންގްކަރްނޯ ސްޓޭޑިއަމްގައި 88,000 އަށްވުރެ ސަޕޯޓަރުންގެ ހާޒިރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ވަނީ އިންޑޮނޭޝިއާގެ ދިފާޢީ ކުޅުންތެރިއެއް ކަމުގައިވާ ހަބްނާގެ އަމިއްލަ ގޯލަކުން ޖެހިފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މިނަމީނޯ ވަނީ އިތުރު ލަނޑެއް ޖަހައި ޖަޕާނުގެ ލީޑު ދެ ލަނޑަށް އިތުރުކޮށްފައެވެ. ދެވަނަ ހާފުގައި މޮރީޓާ އާއި ސުގަވާރާ ވަނީ އިތުރު ދެ ލަނޑު ޖަހައި ޖަޕާނުގެ ލީޑު ހަތަރު ލަނޑަށް އިތުރުކޮށްފައެވެ.
މި ގްރޫޕުގައި ހިމެނޭ ހަ ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅުމަށްފަހު، އެއްވަނަ އަދި ދެވަނައަށް އަންނަ ޓީމުތަކަށް ސީދާ ވޯލްޑް ކަޕުގެ ޖާގަ ލިބިގެންދާނެއެވެ. ތިންވަނަ އަދި ހަތަރުވަނަ ޓީމުތަކަށް އިތުރު ކޮލިފައިންގ މެޗުތަކެއް ކުޅެން ޖެހޭނެއެވެ.
އިއްޔެ ކުޅުނު އެހެނިހެން ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގެ ތެރޭގައި، އޮމާނު ވަނީ ފަލަސްތީނާ ދެކޮޅަށް 1-0 އިން މޮޅުވެފައެވެ. އަދި ގަތަރު ވަނީ އުޒްބެކިސްތާނާ ދެކޮޅަށް 3-2 އިން މޮޅުވެފައެވެ. އިރާގު އަދި ޖޯޑަން ކުޅުނު މެޗު ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ.


