ކާވާ ޗެމްޕިއަންސްލީގު 2025 ފިރިހެނުންގެ މުބާރާތުގެ ލީގު އުސޫލުން ކުޅޭ އެންމެ ފަހު މެޗުތައް މިއަދު ކުޅެވޭއިރު ، މުބާރާތުގެ ފޯރި ވަރަށް ގަދައެވެ. ގޯލްޑް މެޗުގެ ޖާގައެއް ކަށަވަރުކުރަން އިއްޔެ ނިކުތް ކަޒަކިސްތާނުގެ ޒައިކް ވީސީ ވަނީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބު އަތުން ބަލިވެ ، މިއަދު ކުޅޭ މެޗުން ޕޮއިންޓެއް ހޯދަން މަޖުބޫރުވެފައެވެ. އިއްޔެ މެންދުރުފަހު ކުޅުނު މެޗުން ނޭޕާލް ޓީމު ފުރަތަމަ ސެޓް 25-22 އިން ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ 25-18 އަދި 25-23 އިން ޒައިކް ދެ ސެޓް ގެންދިޔައެވެ. ނަމަވެސް ފަހުން ކުޅުނު ދެ ސެޓް 25-18 އަދި ޓައިބަރޭކް ސެޓް 15-11 އިން ނޭޕާލް ޓީމު ކާމިޔާބުކޮށް މެޗުން ދެ ޕޮއިންޓް ހޯދިއެވެ. ނޭޕާލް ޓީމަށް ކުޅޭ ޕާކިސްތާނުގެ ޤައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ސެޓަރ ނަވީދު އާއި އައުޓް ސައިޑް އެޓޭކަރ މުރާދު އާއި އުޘްމާންގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.
އިއްޔެ ރާއްޖޭގެ ދެ ޓީމްވެސް ވަނީ ބަލިވެފައެވެ. އެގޮތުން ހަވީރު ކުޅުނު މެޗުން ކިރިގިސްތާނުގެ ބިޝެކް ވަނީ ދިވެހި ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އަދި ރޭގައި ކުޅުނު މެޗުން ކްލަބް އެޗްޑީސީ ބަލިވީ ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީ އަތުން ހަމަ ސީދާ ތިން ސެޓުންނެވެ.
ސިފައިންނަށް ސެޓްތައް ގެއްލުނީ 25-23 ، 25-16 އަދި 27-25 އިންނެވެ. އަދި އެޗްޑީސީ އަށް ސެޓްތައް ގެއްލުނީ 25-21 ، 25-23 އަދި 25-15 އިންނެވެ.
ކޮންމެ ޓީމެއް 4 މެޗު ކުޅުނުއިރު 11 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ބިޝެކްއެވެ. އަދި 10 ޕޮއިންޓާއެކު ދެ ވަނައިގައި ޒައިކް އޮތްއިރު ތިން ވަނައިގައި ނޭޕާލް ޓީމު އޮތީ 8 ޕޮއިންޓާއެކުއެވެ. ލަންކާ ޓީމަށް 6 ޕޮއިންޓް ލިބަފައިވާއިރު ، ސިފައިންގެ ޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެއްވެސް ޕޮއިންޓެއް ނުލިބެނީ އެޗްޑީސީއަށެވެ.
އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ގޯލްޑް މެޗަށް ހޮވޭއިރު ، ބިޝެކް އާއި ޒައިކް އަދި ނޭޕާލް ޓީމަށް ވެސް ގޯލްޑް މެޗުގެ ފުރުޞަތު އެބައޮތެވެ. އަދި މިރޭ ނޭޕާލް ޓީމު އަތުން ލަންކާ ޓީމު މޮޅު ވެއްޖެ ނަމަ ، ބްރައުންޒް މެޗުގައި ވެސް ބައްދަލުކުރަން ޖެހޭނީ ހަމަ މި ދެ ޓީމެވެ.
މިއަދު މެންދުރުފަހު ޒައިކް އާއި ބިޝެކް ކުޅޭއިރު ، ހަވީރު ކުޅޭނީ ސިފައިންގެ ކްލަބާއި އެޗްޑީސީއެވެ.


