އަރިއަތޮޅު ދެކުނުބުރީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު މިނިވަން ދުވަހާ ދިމާކޮށްގެން ބާއްވާ ޒުވާނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ އެތޮޅު މާމިގިލި ފުޓްބޯޅަ ޓީމް ހޯދައިފިއެވެ. މާމިގިލި މޮޅުވީ އިއްޔެ ހަވީރު ފެންފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުން 3 ލަނޑު 2 ލަނޑުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ގޯލު ޖެހީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މަހިބަދޫ ޓީމުންނެވެ. މެޗުގެ 43 ވަނަ މިނެޓްގައި މި ލަނޑު ޖަހައިދިނީ ނައްސާޙްއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މަހިބަދޫ ޕެނަލްޓީ އޭރިއާ ކައިރިން މާމިގިއްޔަށް ލިބުނު ހިލޭ ޖެހުމަކުން ފޭދޫ އިއްބެއެވެ. ފުރަތަމަހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ފަހުހާފުގައި މާމިގިލިން ލީޑުނެގިއެވެ. 56 ވަނަ މިނެޓްގައި މަހިބަދޫ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ގޯލު ޖަހައިދިނީ ޒަޔާންއެވެ. 69 ވަނަ މިނެޓްގައި މާމިގިލި ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަހިބަދޫ އާދަމް ފަހުމާންއަށް ލިބުނު ބޯޅަ ޑިފެންޑަރު ކައިރިން ނައްޓާލާފައި ފޮނުވާލި ބާރު ބޯޅައިން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 72 ވަނަ މިނެޓްގައި މާމިގިލި ކުޅުންތެރިޔެއް ހުރަސްކުރި ބޯޅައެއް ހިފުމުގެ ތެރޭގައި މާމިގިލި ކުޅުންތެރިޔަކާ ޖެހި މަހިބަދޫ ގޯލު ކީޕަރަށް އަނިޔާވުމާ ގުޅިގެން އަށިގަނޑުގައި ދަނޑުން ބޭލިއެވެ.
މާމިގިލި މޮޅުވި ގޯލު ޖެހީ 82 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ކޯނަރަކުން ނެގި ބޯޅަ ނިޝާން ހުސްކޮށް ހުރެ ބޮލުން ބޯޅަ ފޮނުވާލައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިން
މިދިޔަ އަހަރު ފައިނަލްގައި މާމިގިލި ބަލިވީ މަހިބަދޫ އަތުން 4 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗަށް ފަހު މަޤާމުތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީއާއި ސެޓްފިކެޓް ދިނުން އޮތެވެ.
- އެންމެ މޮޅު ގޯލް ކީޕަރ އިމްރާން މުޙައްމަދު ( މާމިގިލި )
- އެންމެ މޮޅު ޑިފެންޑަރ ހިޝާމް ސަލީމް ( މާމިގިލި )
- އެންމެ މޮޅު މިޑްފީލްޑަރ އަޙްމަދު އަޔާޒް ( މާމިގިލި )
- އެންމެ މޮޅު ފޯވާޑް އަދި ޓޮޕް ސްކޯރަރ ޒަޔާން ނަސީރު ( މާމިގިލި )
- އުއްމީދީ ކުޅުންތެރިޔާ އަލްސަން އިބްރާހީމް ( މާމިގިލި )
- އެންމެ މޮޅު ކުޅުންތެރިޔާ އިބްރާހީމް މަހުދީ ޙުސައިން ( ފޭދޫ އިއްބެ ) ( މާމިގިލި )
- ފެއަރޕްލޭ ޓީމް މާމިގިލި ފުޓްބޯޅަ ޓީމް


