15 އޮކްޓޫބަރު 2025

މިއަދު ބަޔަކު މީހުން ބާއްވާ މުޒާހަރާއަކީ ވެރިކަން ހޯދަން ކުރާ ބޮޑު ނުބައިކަމެއް؛ މުޒާހަރާއަށް ނުދާން ގޮވާލަން: ޤާސިމް

އިދިކޮޅު މައި ޕާޓީ އެމްޑީޕީ މަސައްކަތް ކުރަނީ ގައުމު އިނދަ ޖައްސާލަންކަމަށް ވިދާޅުވެ، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ނުދިއުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވެފައިވަނީ މިއަދުގެ މުޒާހަރާއަކީ ބިނާކުރަނިވި މުޒާހަރާއަކަށްވުރެ ފަނާކުރަނިވި މުޒާހަރާއެއްކަމަށެވެ. އަދި ޖޭޕީގެ އެއްވެސް މެންބަރަކު މި މުޒާހަރާގައި ބައިވެރިނުވުމަށް އެދިވަޑައިގެންފައިވެއެވެ.

"މިއީ ވެރިކަން ހޯދުމަށްޓަކައި ކުރާ ނުބައިކަމެއް. އެއްވެސް ހާލެއްގައި، ރާއްޖެ މިހާރު އޮތް ދަރަނިވެރި ހާލަތުން ސަލާމަތް ކުރަން ހިންގާ ހަރަކާތެއް ނޫން،" ޤާސިމް ވިދާޅުވިއެވެ.

މި ސަރުކާރުން ނަގަން ޖެހިފައިވާ ދަރަނީގެ ޒިންމާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކެއްގެ ޒިންމާކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. އަދި ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑު ބައެއް ހޭދަވަނީ ދަރަނި ދެއްކުމަށްކަމަށާއި، މި ދަރަނި ނުދެއްކިއްޖެނަމަ މުޅި ގައުމު ބަނގުރޫޓުވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތުހުމަތުތައް އަމާޒުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުންކަމަށް ފާހަގަކުރައްވައި، މުޒާހަރާއިން ނިކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވެއްޓި، ރައްޔިތުންނަށް އިތުރު ތުރާލާ ކުރިމަތިވުންކަމަށް ޤާސިމް ވިދާޅުވިއެވެ.

ގައުމުގެ އަމާންކަން ގެއްލޭނެ ކަންކަން ނުކުރުމަށް ގޮވާލައްވައި، ދީނީ އަދި ގާނޫނީ ގޮތުން ވެސް މިއީ ރަނގަޅުކަމެއް ނޫންކަމަށް ފާހަގަކުރައްވައި، ޤާސިމް ވަނީ ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު