މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް، 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި އަންނަ އަހަރު ހަމަޖައްސައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވާފައިވަނީ، ށ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރޮށީ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި މަރޮށީ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ އިތުރު މުވައްޒަފުން ހިމަނައި، މުވައްޒަފުން ނެގުމުގެ ފުރުޞަތު ދެއްވާނެއެވެ.
މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 14.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ހައްލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ތަޢުލީމީ ދާއިރާއަށް ބަލާއިރު، އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މަރޮށީ ސްކޫލްގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތަކުގެ އިތުރުން ހޯލުވެސް އޭސީ ކޮށްދެއްވާނެކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު މަލްޓިޕަރޕަސް ހޯލެއް ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، އިތުރު ފަސޭހަކަން ހޯދައިދިނުމަށްޓަކައި ބައެއް މުހިންމު މަގުތަކުން އެހެން މަގުތަކަށް ދިއުމަށް ހުންނަ ހުރަސް މަގުތައް މަޝްރޫޢަށް އިތުރުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ފާހަގަކުރެވުނު ގޮތުގައި، ޒަމާނުއްސުރެ މަރޮށްޓަކީ އަޅާނުލާ ދޫކޮށްލެވިފައިވާ ރަށެއްކަމަށާއި، މިހާރު ފެށިފައިވާ މަޝްރޫޢުތައް އަވަހަށް ނިންމައިދިނުމަށް އެދިފައިވެއެވެ.