ހަމާސްގެ މުޖާހިދުން، އަލް ޤައްސާމް ބްރިގޭޑްސްއިން މިއަދު ހާމަކޮށްފައިވަނީ އެ ބައިމީހުންގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލީ ސިފައިންގެ ތެރެއިން ދިރިތިބި ހުރިހާ ސިފައިންނާއި، އަދި އެ ބައިމީހުންނަށް ވާސިލުވެވުނު މަރުވެފައިވާ ހުރިހާ ސިފައިންގެ ހަށިތައް އިސްރާއީލާ ޙަވާލުކޮށް ނިމިފައިވާ ކަމަށެވެ. އިތުރު ހަށިތައް ހޯދުމަށް ޚާއްސަ އާލާތްތަކާއި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.
އިސްރާއީލުގެ ނަސްލުހޭދުކުރުމުގެ ޢުދުވާނުގައި، ފަލަސްޠީނު ރައްޔިތުންނާއި އިސްރާއީލީ ސިފައިންގެ އަސީރުން މަރުވަމުންދާކަމަށް ހަމާސްއިން ތަކުރާރުކޮށް އިންޒާރު ދީފައިވީ ނަމަވެސް، އިސްރާއީލުގެ ޙަމަލާތައް ހުއްޓުމެއްނެތި ކުރިއަށް ގޮސް އިތުރަށް ހަރުކަށިކުރިއެވެ.
މިއަދު އަލް ޤައްސާމް ބްރިގޭޑްސްއިން ދެ ހަށިގަނޑު އިތުރަށް ޙަވާލުކުރާނެ ކަމަށް ކަށަވަރުކޮށްދީފައިވެއެވެ. އިސްރާއީލީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ބުދަ ދުވަހުގެ ފަހުން ފަސް ހަށިގަނޑު ބަލައިގަތުމަށް އިސްރާއީލުން ތައްޔާރުވެފައިވެއެވެ. ރެޑް ކްރޮސްއިން ދެ ހަށިގަނޑު ޙަވާލުކޮށް، އެ ހަށިގަނޑުތައް ޣައްޒާގައި ތިބި އިސްރާއީލީ ބާރުތަކާ ހަމައަށް ގެންދެވެމުންދާކަން އިސްރާއީލީ ސިފައިންގެ ފަރާތުން ކަށަވަރުކޮށްދީފައިވެއެވެ.
ހޯމަ ދުވަހު ހަމާސްއިން ވަނީ ދިރިތިބި އިސްރާޢީލުގެ 20 ސިފައިން ދޫކޮށްލާފައެވެ. މިއަދުގެ ޙަވާލުކުރުމާއެކު، އިސްރާއީލާ ޙަވާލުކުރެވުނު ޖުމްލަ ހަށިގަނޑުގެ އަދަދު 10 އަށް އަރާފައިވެއެވެ. ބާކީ ހުރި ހަށިގަނޑުތައް ހޯދުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އަލް ޤައްސާމްއިން ބުނެފައިވެއެވެ.
މި މުޢާމަލާތުގެ ބަދަލުގައި، އިސްރާއީލުން ވަނީ ފަލަސްޠީނުގެ 250 އަސީރުންނާއި، 2023 އޮކްޓޯބަރު 8 އިން ފެށިގެން ޣައްޒާއިން ހިފެހެއްޓިފައިވާ 1,718 މީހުން ދޫކޮށްލާފައެވެ. މީގެ އިތުރުން، އަނިޔާކޮށްފައިވާ ނިޝާންތައް ހުރި ފަލަސްޠީނުގެ 90 ހަށިގަނޑު ވެސް ޙަވާލުކޮށްފައިވެއެވެ.