16 އޮކްޓޫބަރު 2025
އެމެރިކާގެ ރައީސް ޓްރަމްޕްއާއި ފީފާގެ ރައީސް، ފޮޓޯ: ރޮއިޓަރސް

ވޯލްޑް ކަޕްގެ މެޗުތައް އެހެން ސިޓީތަކަށް ބަދަލުކުރަންޖެހިދާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެމެރިކާގެ ސިޓީތަކުގެ ތެރެއިން ސަލާމަތީ ގޮތުން ރައްކާތެރި ނޫން ތަންތަނުން، އެ މެޗުތައް އެހެން ސިޓީތަކަށް ބަދަލުކޮށްފާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް މިފަދައިން އިންޒާރު ދެއްވާފައިވަނީ ބޮސްޓަން ސިޓީގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ބޮސްޓަންގެ ޖިލެޓް ސްޓޭޑިއަމްގައި ވޯލްޑް ކަޕްގެ ހަތް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

2022 ވަނަ އަހަރު ފީފާއިން ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭނެ ދަނޑުތަކާއި ސިޓީތައް ކަނޑައަޅާފައެވެ. ނަމަވެސް، ޓްރަމްޕްގެ މި އިންޒާރާ ގުޅިގެން ފީފާގެ ނައިބު ރައީސް ވިކްޓަރ މޮންޓެގްލިއާނީ ވިދާޅުވެފައިވަނީ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭނެ ސިޓީތަކާއި ދަނޑުތައް ކަނޑައެޅުމަކީ ފީފާގެ ބާރުގެ ދަށުގައިވާ ކަމެއް ކަމަށެވެ.

"ވޯލްޑް ކަޕަކީ ފީފާގެ މުބާރާތެއް އަދި އެ މުބާރާތުގެ މެޗުތައް ކުޅޭނެ ދަނޑުތަކާއި މެޗުތައް ކުޅޭނެ ސިޓީތައް ކަނޑައަޅާނީ ފީފާއިން. އެއީ ފީފާގެ ބާރުގެ ދަށުގައިވާ ނިންމުންތަކެއް،" ވިކްޓަރ ވިދާޅުވިއެވެ.

ބޮސްޓަންގައި ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖޫން 13 ވަނަ ދުވަހު ގްރޫޕް ސީގެ މެޗެއްގެ ގޮތުގައެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ތިން ގައުމެއްގައި މި މުބާރާތުގެ މެޗުތައް ކުޅޭ ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު