21 އޮކްޓޫބަރު 2025

17 ނޮވެންބަރު 2023ގައި އުފެދުނު ސަރުކާރަކީ ހެޔޮވެރިކަމެއްގެ ފެށުން؛ ރައީސަށް އިޚްލާޞްތެރިވާނަން: ޢަބްދުއްރަޙީމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު އިޚްލާޞްތެރިކަމާއެކު ދެމިހުންނަވާނެ ކަމަށާއި، ޚިޔާލު ތަފާތުވެ އެކި ދުވަހު އެކި ގޮތަށް ވާހަކަދެއްކުން ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ފޮނަދޫގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޝްރޫޢުތަކާއި ޕްރޮޖެކްޓްތައް ކުރިއަށް ނުދާކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މަޖިލިސް ރައީސް ފާހަގަކުރެއްވި ގޮތުގައި ސަރުކާރަށް ދަތި ދުވަސްތަކާ ކުރިމަތިލާން ޖެހުނީ "ބަޔަކު ގަސްދުގައި ވައްޓާލި އަނދަވަޅެއްގެ ސަބަބުން" ކަމަށާއި، މަޝްރޫޢުތައް ލަސްވުމުގެ ސަބަބުން ކުރާނެ ޝަކުވާއެއް ނެތް ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ، އެންމެ ގާތުން ކަންކަން ފެނުނު ފަރާތްތަކަށް ކަމުގައި ވިދާޅުވިއެވެ.

2023 ނޮވެންބަރު 17 ގައި އުފެދުނު ސަރުކާރަކީ ހެޔޮވެރިކަމެއްގެ ފެށުމެއް ކަމަށް ވިދާޅުވަމުން މަޖިލިސް ރައީސް ފާހަގަކުރެއްވީ، މިހާތަނަށް ސަރުކާރުން ވަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލުކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުން ހިމެނޭ ކަމަށާއި، މިއީ ރައީސް މުޢިއްޒުގެ އެންމެ ކާމިޔާބު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމުގައި ވިދާޅުވިއެވެ.

ފޮނަދޫގައި މިރޭ ގިނަ މަޝްރޫޢުތަކެއް ފެށުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކަން ފާހަގަކުރައްވައި، މި މަސައްކަތްތައް އެއްވެސް ލަސްވުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އޮތް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ފޮނަދޫއަކީ އާބަން ސެންޓަރ ތަރައްޤީކުރާނެ ހަތް ސަރަޙައްދުގެ ތެރޭގައި ހިމެނޭ ރަށެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު