21 އޮކްޓޫބަރު 2025
ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، ފޮޓޯ: ރައީސް އޮފީސް

ފައިސާ ޗާޕުނުކޮށް ވައުދުތައް ފުއްދާނަން: ރައީސް

ފައިސާ ޗާޕުނުކޮށް ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށްގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގަންނަވަނީ ފުއްދޭނެކަމުގެ ޔަޤީންކަން އޮތް ވައުދުތައް ކަމަށެވެ. އަދި ސަރުކާރުގެ އެންމެހާ މުވައްޒަފުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އަޒުމުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ހާލަތެއްގައެވެ. އެހެންނަމަވެސް މިހާރު އިޤްތިޞާދު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުވީ އެއްވެސް ވަޢުދެއް ދޫނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ޤާނޫނާ ގަވައިދުގެ ތެރެއިން ވީ ވަޢުދުތައް ފުއްދަމުން ރައްޔިތުންނަށް މިހެން ހުރި ހުރިހާ ދަތިތަކެއް ފިލުވައިދެމުން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ދައްކަންޖެހޭ 2000 މިލިއަން ރުފިޔާގެ ބިލުތައް އަދާކުރުމަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިޤްތިޞާދު ކުރިއެރުވުމަށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތްވެސް ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ސިޔާސީ ހައްޔަރުކުރުންތަކާއި ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށާއި، ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޤައުމުގެ ހަމަޖެހުން ޤާއިމްކުރުމަކީ ހުރިހާ މުއައްސަސާއެއްގެ ޒިންމާއެއްކަމަށާއި، އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު