21 އޮކްޓޫބަރު 2025
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް

"ދާރުއްސަލާމް" ވަޤްފު އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި

ހުޅުމާލޭގައި ތަރައްޤީކުރާ ވަޤްފު އިމާރާތް، "ދާރުއްސަލާމް" އަޅައިދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަނެއްކާވެސް އިޢުލާންކޮށްފިއެވެ. މި އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ އިޢުލާންކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ ބިލްޑް އެންޑް މެއިންޓެނެންސް އުޞޫލުންނެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކެޓަގަރީ GC-01-1 ގެ ކުންފުނިތަކަށް އެކަންޏެވެ.

ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 16:00 ޖެހުމުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައެވެ.

ރާއްޖޭގައި އަޅާ އެންމެ ބޮޑު ވަޤްފު އިމާރާތުގެ ގޮތުގައި ތަރައްޤީކުރާ ދާރުއްސަލާމް، 12 ފަންގިފިލާއަށް އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. މިހާރު ރާއްޖޭގައި ހުރި ހަމައެކަނި ވަޤްފު އިމާރާތަކީ މާލޭގައި ހުންނަ ދާރުލްއީމާނެވެ. މި އިމާރާތުން އަހަރަކު 6 މިލިއަން ރުފިޔާ ލިބޭއިރު، ހުޅުމާލެއާއި މާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވަޤްފު އިމާރާތްތަކާއެކު އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ [email protected] އަށް އީމެއިލް ކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު