ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ މި އެއްދުވަހުގެ ދަތުރަކީ ރާއްޖޭގެ ފުޓްބޯޅަ ދިރުވައި، ކުރިން އޮތް ފޯރި އަލުން ގެނައުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ޚާއްސަ އިވެންޓުތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި، ކުލަބުތަކާއި އަދި މިނޫންވެސް ފުޓްބޯޅައާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންފަންޓީނޯގެ މި ދަތުރުގައި ކުޑަކުދިންނާއެކު ކުޅިވަރު ހަރަކާތްތަކެއްގައި ބައިވެރިވެ ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ދާދި ފަހުން އެފްއޭއެމްގެ ރައީސް ތޯރިޤު ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންފަންޓީނޯ ވަނީ ތޯރިޤުގެ މަސައްކަތްތަކަށް ތައުރީފުކުރައްވައި، ދާދި ފަހުން ރާއްޖެއިން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށްވެސް މަރުހަބާ ދަންނަވާފައެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރެވެ. މީގެ ކުރިން، 2006 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް ސެޕް ބްލެޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން ދެ ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ.