22 އޮކްޓޫބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤުވާމީ އިދާރާއަށް އެއްބާރުލުން ދިނުމަށް އީރާނުން ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފި

އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައިއޭއީއޭ) އަށް އެއްބާރުލުން ދިނުމަށް އީރާނުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުން އެ ޤައުމުން ބާޠިލްކޮށްފިއެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާގައި، އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. މި ޙަމަލާއާ ގުޅިގެން އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ވަނީ އައިއޭއީއޭއަށް އެއްބާރުލުން ދިނުން މެދުކަނޑައިލުމަށް ނިންމާފައެވެ.

އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކެޓްރީ، ޢަލީ ލަރިޖަނީ ވިދާޅުވި ގޮތުގައި، "އައިއޭއީއޭއިން އައު ހުށަހެޅުމެއް ހުށަހަޅައިފިނަމަ ކައުންސިލުން އެ ހުށަހެޅުން އިތުރަށް ބަލައި ގޮތެއް ނިންމާނެ" އެވެ.

މި ނިންމުން ނިންމާފައި މިވަނީ، އީރާނާ ދެކޮޅަށް އދން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް ހުޅަނގުގެ ބާރުތަކުން އަލުން އިޢާދަކޮށްފި ނަމަ އެއްބަސްވުން ބާޠިލް ކުރާނެ ކަމުގެ އިންޒާރު، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ދެއްވާފައިވާތާ ތިން ހަފްތާ ފަހުންނެވެ.

އައިއޭއީއޭއިން ދަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ކަންކަން ގާތުން ބެލުމަށް އީރާނުގެ އެއްބާރުލުން އަލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއްބާރުލުން ދިނުމުގެ އެއްބަސްވުން ބާޠިލް ކުރުމާއެކު މި މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު