23 އޮކްޓޫބަރު 2025
ޝައިޚް ޞާލިޙް އަލް-ފައުޒާން

ސަޢޫދީ ޢަރަބިއްޔާގެ އިސް މުފްތީގެ މަޤާމަށް ޝައިޚް ޞާލިހް އަލް-ފައުޒާން ހަމަޖައްސަވައިފި

ސަޢޫދީ ޢަރަބިއްޔާގެ ދީނީ ޢިލްމުވެރިޔާ ޝައިޚް ޞާލިޙް އަލް-ފައުޒާން، ސަޢޫދީ ޢަރަބިއްޔާގެ އިސް މުފްތީގެ މަޤާމަށް ވަޒީރު ފެންވަރުގައި ހަމަޖައްސަވައިފިއެވެ. ޝެއިޚް މި މަޤާމަށް ހަމަޖައްސަވާފައިވަނީ ސައުދީގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންގެ ލަފާފުޅުގެ މަތީން ސަޢޫދީ ރަސްގެފާނެވެ. އެގޮތުން ޝައިޚް އަލް-ފައުޒާން ވަނީ ކައުންސިލް އޮފް ސީނިއަރ ސްކޮލަރސްގެ ޗެއަރމަން ކަމަށާއި، ޢިލްމީ ދިރާސާކުރުމާއި ފަތުވާ ދިނުމުގެ ދާއިމީ ކޮމިޓީގެ ވެރިޔާގެ މަޤާމަށް ހަމަޖައްސަވާފައެވެ.

މި މަޤާމަށް ޝައިޚް އަލް-ފައުޒާން ހަމަޖައްސަވާފައިވާއިރު، ކުރީގެ އިސް މުފްތީ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޝައިޚް ވަނީ ސެޕްޓެމްބަރު 23 ގައި އަވަހާރަވެފައެވެ. 1935 ވަނަ އަހަރު އަލް-ޤަޞީމުގައި އުފަންވެވަޑައިގެންނެވި ޝައިޚް އަލް-ފައުޒާން ވަނީ ރިޔާޟްގެ ކޮލެޖް އޮފް ޝަރީޢާ އިން ފިޤުހުން މާސްޓާރސް އަދި ޕީއެޗްޑީ ހާސިލްކުރައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ ހަޔަރ އިންސްޓިޓިއުޓް އޮފް ޖުޑީޝަރީގެ ޑިރެކްޓަރުގެ މަޤާމު ވެސް ފުރުއްވާފައެވެ. އެމަނިކުފާނު ވަނީ އިސް ޢިލްމުވެރިންގެ މަޖިލިސްގެ މެންބަރުކަމާއި، މުސްލިމް ވޯލްޑް ލީގާ ގުޅިފައިވާ އިސްލާމީ ފިޤުހު ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ޝައިޚް އަލް-ފައުޒާން އަކީ ދިގު މުއްދަތެއްގައި ޙަރަކާތްތެރިވެވަޑައިގެންނެވި ޢިލްމީ ޚިދުމަތްތެރިއެކެވެ. 1992 ވަނަ އަހަރުން ފެށިގެން މި މަޤާމަށް ވަޑައިގަތުމާ ހަމައަށް އެމަނިކުފާނު ވަނީ ޢިލްމީ ދިރާސާކުރުމާއި ފަތުވާ ދިނުމުގެ ދާއިމީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައެވެ. އެމަނިކުފާނު ވަނީ ގިނަ އަދަދެއްގެ ފޮތްތައް ލިޔުއްވުމުގެ އިތުރުން، “ނޫރު ޢަލާ އަލް-ދަރްބް” ފަދަ މަޝްހޫރު ރޭޑިއޯ ޕްރޮގްރާމްތައް ވެސް ހިންގަވާފައެވެ.

އެމަނިކުފާނު މި މަޤާމަށް ޢައްޔަންކުރެއްވުމަކީ އިސްލާމީ ޢިލްމާއި ފިޤުހުގެ ދާއިރާ ވަރުގަދަކުރުމަށް ސަޢޫދީ ރަސްކަމުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު