މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
އެބައިމީހުންގެ ދީނުގައި މާތް ﷲއާއި އެކަލާނގެ ރަސޫލާ ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެން ކަމަށާއި، އިސްލާމީ އުންމަތް މި އަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުންކަން ފާހަގަކުރެއްވިއެވެ.
"އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވި ގޮތުގައި، އިސްލާމީ ޙަޟާރަތަކީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ވަޙީ ބާވައިލައްވަން ފެއްޓެވި ހިސާބުން ބިނާވާން ފެށި، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މާއްދީ އަދި ރޫޙާނީ ކުރިއެރުންތަކެކެވެ. މީގެ ތެރޭގައި ދީނީ، އިޖުތިމާޢީ، ސިޔާސީ، އަދި ޢިލްމީ ގޮތުން މުސްލިމުން ހޯދި ބޮޑެތި ކާމިޔާބީތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
އިސްލާމީ ޙަޟާރަތުގެ އެންމެ މުހިންމު އެއް އަސާސަކީ ޢިލްމު އުނގެނުމަކީ ދީނީ ވާޖިބެއް ކަމުގައި ދެކުންކަން ފާހަގަކުރައްވައި، މީގެ ސަބަބުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މުސްލިމުން ދުނިޔެ ނުދެކޭ ފަދަ ޢުމްރާނީ އަދި ޢިލްމީ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އަންދަލުސްގެ ޤުރްޠުބާ ފާހަގަކުރެވެއެވެ. އެ ރަށަކީ އޭރު މުޅި ދުނިޔޭގައި ވެސް އެންމެ ކުރިއަރާފައިވާ، ރޭގަނޑު މަގުތައް ދިއްލާފައިވާ، އަދި ސާފުތާހިރުކަމާއި ރައްކާތެރިކަން އިންތިހާއަށް އޮތް ސިޓީއެކެވެ.
ޚުޠުބާގައި އަލިއަޅުއްވާލެއްވި ގޮތުގައި، ކީރިތި ޤުރްއާނުގައި ކައުނުގެ ކަންކަމާ މެދު ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވާ އެންގުންތަކުގެ ސަބަބުން، މުސްލިމުން ވަނީ ދީނީ ޢިލްމުގެ އިތުރުން ދުންޔަވީ ޢިލްމުތަކުގައި ވެސް ބޮޑެތި ހޯދުންތަކެއް ހޯދާފައެވެ. ނަމަވެސް މިއަދުގެ ޒުވާނުން ދުންޔަވީ އެދުންތަކުގައި މަޝްޣޫލުވެ، ޢިލްމީ ކަންކަމާ ދުރުވަމުންދާ ދިއުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ބޭސްވެރިކަމުގެ ދާއިރާއިން މުސްލިމުން ހޯދި ކުރިއެރުންތަކަކީ މިއަދުގެ ބޭސްވެރިކަމުގެ ބިންގާ ކަަމަށާއި، މިގޮތުން ހަސްފަތާލުތައް ބިނާކޮށް ބަލިމީހުން ބައިތިއްބައިގެން ފަރުވާދިނުމާއި، ސާޖަރީ ކުރުމާއި، ލޮލުގެ ބަލިތަކަށް ފަރުވާކުރުން ފަދަ ކަންކަން މުސްލިމުން ފެށިއެވެ. ޚާއްޞަކޮށް މުޙައްމަދު ބިން ޒަކަރިއްޔާ އަލް-ރާޒީ ފަދަ ޢިލްމުވެރިން ބޭސްވެރިކަމުގެ މިންގަނޑުތައް ކަނޑައަޅުއްވައި، ފާނަބަސަންދު ފަދަ ބަލިތަކަށް ފަރުވާ ހޯއްދަވައި، އަވަސް ފަރުވާގެ އުސޫލުތައް އެކުލަވައިލެއްވި ކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި އިބުނު ސީނާއަކީ ވެސް ބޭސްވެރިކަމުގެ ދާއިރާގައި ދުނިޔެ ގަބޫލުކުރާ ފުންނާބު އުސް ޢިލްމުވެރިއެއްކަމަށް ވިދާޅުވިއެވެ.



