ރަސްމާލެ ހިއްކުމުގެ ބޮޑު މަޝްރޫޢު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވައިފިއެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ތިން ޑްރެޖަރެއް ބޭނުންކޮށްގެން ތިން ކުންފުންޏަކުން އެކި ސައިޓްތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ.
ޖުމްލަ 1100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކާ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި 15,000 ގޯތި ދޫކުރެވޭ ވަރަށް ބިން ހިއްކައި، އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލުމެވެ.
ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ރަސްމާލެ އާބާދުކުރުމަށް ބޭނުންވާ މުނިސިޕަލް އިންފްރާސްޓްރަކްޗަރާއި މަގު ހެދުމުގެ މަސައްކަތްތައް ފެށިގެންދާނެއެވެ. މިހާރުވެސް އެ ސަރަޙައްދުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމަށް އެމްއޯޔޫތަކުގައި ސޮއިކޮށްފައިވާއިރު، މުޅި ސަރަޙައްދުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފައިނޭންސް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.
އިކޯ-ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، އިޤްތިޞާދީ ގިނަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.



