ގއ. ކޮނޑޭއާއި ކާށިދޫގައި ސަރުކާރުން ކުރިއަށްގެންދާ ދަނޑުވެރިކަމުގެ މަޝްރޫޢާއެކު، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކޮށްގެން (ވެލިއު އެޑްކޮށްގެން) ތަކެތި ވިއްކުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ފުޑް ސެކިޔުރިޓީ ކަށަވަރުކޮށް، ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކޮނޑޭއާއި ކާށިދޫގައި މި މަސައްކަތް ކުރިއަށްގެންދަނީ 'ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް' މޮޑެލްގެ ދަށުން ވިޔަފާރި އުސޫލުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ރަށްރަށުގައި މިހާރުވެސް ކުރަމުންދާ ދަނޑުވެރިކަން ޒަމާނީ ވަސީލަތްތަކާއެކު ފުޅާކުރުމުން، އުފައްދާ ތަކެތިން އިތުރު ބާވަތްތައް ތައްޔާރުކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިސާލަކަށް ކޭލުން ޗިޕްސް ނުވަތަ އައިސްކްރީމް ފަދަ ތަކެތި އުފެއްދުމަށް ބޭނުންވާ މެޝިނަރީޒް ގެނެސް، ވެލިއު އެޑިޝަން ސެންޓަރުތައް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ.
މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށު ފެންވަރުގެ ދަނޑުވެރިންނަށް ދިމާވާ އުފެއްދުންތައް ގަނެވިއްކުމުގެ ދަތިތަކަށް ޙައްލެއް ލިބިގެންދާނެއެވެ. ކޮނޑޭއާއި ކާށިދޫގެ އިތުރުން، މިއަހަރުގެ ތެރޭގައި ލ. ގަމާއި ހދ. ނޮޅިވަރަމުގައިވެސް މިފަދަ މަޝްރޫޢުތައް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑުވެރިކަން ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއެރުވުމެވެ.


