އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށްގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ބާރުތައް ހަނިކުރުމަށް، ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޤަރާރެއް ފާސްކޮށްފިއެވެ. ހައުސްގެ 215 މެންބަރުންގެ ވޯޓުން މި ޤަރާރު ފާސްކުރިއިރު، ދެކޮޅަށް ވޯޓު ދެއްވީ 208 މެންބަރުންނެވެ. މީގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ ޑިމޮކްރެޓުންނާ ގުޅި، ޤަރާރަށް ތާޢީދުކުރައްވާފައެވެ.
މި ޤަރާރުގައިވާ ގޮތުން، ކޮންގްރެސްއިން ހަނގުރާމަ އިޢުލާނުނުކުރާ ނުވަތަ އަސްކަރީ ބާރު ބޭނުންކުރުމުގެ ހުއްދަ ނުދޭހާ ހިނދަކު، އީރާނަށް ފޮނުވާފައިވާ އެމެރިކާގެ ސިފައިން ބޭލުމަށް ޓްރަމްޕަށް މަޖުބޫރުވާނެއެވެ. މިއީ ހަތަރުވަނަ މަހަކަށް ދިގުލައިގެން ގޮސްފައިވާ ހަނގުރާމައާ މެދު ޓްރަމްޕްގެ އަމިއްލަ ޕާޓީގެ ތެރޭގައި ކަންބޮޑުވުން އޮތްކަން ހާމަވެ، އޭނާއަށް ކުރިމަތިވި ސިޔާސީ ނާކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. ނަމަވެސް، މި ޤަރާރު ތަންފީޒު ކުރެވޭނީ ސެނެޓުން ވެސް ފާސްވެގެން ކަމަށްވާތީ، މިއީ މި ވަގުތަށް ރަމްޒީ ނިންމުމެކެވެ. މީގެ ކުރިން ހައުސްއަށް ހުށަހެޅި މިފަދަ ތިން ޤަރާރެއް ވަނީ ނާކާމިޔާބުވެފައެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވިދާޅުވާ ގޮތުގައި، ޤާނޫނުއަސާސީން ހަނގުރާމަ އިޢުލާނުކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ކޮންގްރެސްއަށެވެ. ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން ފެށި ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގުބޮޑުވަމުންދާތީ އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބުނަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ޤަރާރާ ދެކޮޅު ހެއްދެވި ރިޕަބްލިކަން މެންބަރުން ސިފަކުރެއްވި ގޮތުގައި، މިއީ އެމެރިކާ ބަލިކަށިކޮށްލުމަށް ޑިމޮކްރެޓުން ކުރާ ބޭކާރު ސިޔާސީ މަސައްކަތެކެވެ.


