މާލޭގެ އަމީނީ މަގުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވުމާ ގުޅިގެން، އެ މަގާއި މާލޭގެ އިތުރު ދެ މަގެއް މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަމީނީ މަގުގެ އިތުރުން ޢިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް އެ ކުންފުނިން މިހާރު ތައްޔާރުވަމުން އަންނަ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން މަގުތައް މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަމީނީ މަގުގެ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، މުޅި މަޝްރޫޢު ނިންމާލީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެކި ދިމާލުން، ޚާއްޞަކޮށް ހުޅަނގު ފަރާތުގެ ތާރުގަނޑު އުފުލި، މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ޓެކްނިކަލް މާހިރުން ފާހަގަކުރާ ގޮތުގައި މަގު ކުރު މުއްދަތެއްގައި ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ، ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. މީގެ ސަބަބުން މަގުން ދުއްވާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.


