ކީރިތި ޤުރްއާން ކިޔެވުމަކީ ހިތަށާއި ޖިސްމަށް ދިރުން ގެނެސްދޭ އަޅުކަމެއް: ހުކުރު ޚުޠުބާ

ކީރިތި ޤުރްއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލުކަމަށާއި، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއްނެތް ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު ދިން ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެކެވެ. އަދި އެއީ ނަފުސާނީ އަދި ޖިސްމާނީ ބަލިތަކަށް އޮތް މަތިވެރި ޝިފާއެއްގެ ގޮތުގައި ޚުޠުބާގައި ފާހަގަކުރިއެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކާ ޙަވާލާދީ ޚުޠުބާގައި ބުނީ، ޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށްމެ ދިހަ ހެޔޮކަމުގެ ޘަވާބު ލިބޭނެ ކަމަށާއި، އުނދަގޫކަމާއެކު އަޅައަޅައިގަނެގެން ކިޔަވާ މީހާއަށްވެސް ދެ ދަރުމަ ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން، މިސްކިތްތަކުގައި އެއްވެ ޤުރްއާން ކިޔަވައި އުނގެނޭ މީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމޮޅިކަން ފައިބާނެއެވެ. އަދި މަލާއިކަތްބޭކަލުން އެބޭކަލުންގެ ފިޔަފުޅުތަކުން އެފަދަ މަޖިލިސްތައް ވަށައިލައްވައި، ޝައިޠާނާގެ ވަސްވާސްތަކުން އެމީހުން ރައްކާތެރިކޮށްދެއްވާނެ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ ހުރިހާ ހެޔޮކަމެއް ވަނީ ﷲގެ ފޮތުގައި ހިފެހެއްޓުމާއި އެ ފޮތް މަތިވެރިކުރުމުގައި ކަން ހަނދާންކޮށްދީ، ޤުރްއާނުގެ އަމުރުތަކަށް ކިޔަމަންތެރިވުމަށް ހުރިހާ މުސްލިމުންނަށް ވަޞިއްޔަތްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ