ކައުންސިލް އިމާރާތްތައް ތަރައްގީކުރުމުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ ރަށްރަށުގެ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތް ބިނާކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް އެކި ރަށްރަށުގައި މިހާރު ދަނީ އެކި މަރުހަލާތަކުގައި ކުރެވެމުންނެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕްރީ-ފެބްރިކޭޓެޑް 50 ކައުންސިލް އިމާރާތް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ސިޑްކާގެ ފަރާތުން ފަންޑުކުރާ މި މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތްތަކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނީ 'އިމްޕްލިމެންޓޭޝަން އެގްރީމަންޓް' ގައި ސޮއިކުރުމުންނެވެ. އަލަށް ތަރައްގީކުރާ މި ކައުންސިލް އިމާރާތްތަކަކީ 40 މުވައްޒަފުންގެ ޖާގައާއެކު، ޑަބްލިއުޑީސީއަށް ހާއްސަ ޖާގައާއި، ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދެވޭނެ އިންތިޒާމުތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރާނެ ހޯލެއް ވެސް ހިމެނޭހެން ފަރުމާކޮށްފައިވާ ޒަމާނީ އިމާރާތްތަކެކެވެ.


