ޣައްޒާގެ ސަރުކާރު އުވާލުމުގެ ނަތީޖާ؟

ފަލަސްޠީނުގެ ޣައްޒާގައި އޮތް ޙަމާސް ޖަމާޢަތުގެ ސަރުކާރު އުވާލައި، އެ ސަހަރު ހިންގުން ޤައުމީ ކޮމިޓީއަކާ ޙަވާލުކުރުމަށް އެ ޖަމާޢަތުން ނިންމާފައިވެއެވެ.

މިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހު ޙަމާސްއިން އިޢުލާނުކުރި ގޮތުގައި، އެމެރިކާ މެދުވެރިވެގެން ޔަހޫދީންނާއި ޙަމާސްއާ ދެމެދު ޤާއިމުކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން، ޣައްޒާގެ އިދާރީ ހިންގުން ޙަވާލުކުރާނީ "ނޭޝަނަލް ކޮމިޓީ ފޯ ޣައްޒާ އެޑްމިނިސްޓްރޭޝަން" (އެންސީއޭޖީ) އަށެވެ. މި ނިންމުމަށް އދ. އިން މަރުޙަބާ ކިޔާފައިވާއިރު، އޭގެ ސަބަބުން ޢާންމުންނަށް ރައްކާތެރިކަން ލިބި، މެދުކެނޑުމެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އދ. އިން ބުނެއެވެ.

ނަމަވެސް، މަސްރަޙު ދިރާސާކުރާ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ޙަމާސްއިން ސަރުކާރު އުވާލި ނަމަވެސް ޣައްޒާގެ ޢާންމު ޙާލަތަށް މާ ބޮޑު ބަދަލެއް ނާންނާނެއެވެ. އޭގެ މައިގަނޑު ސަބަބަކީ ޣައްޒާގެ ކަންކަން ހިފަހައްޓައި، ޞުލްޙަވިޔަ ނުދިނުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތްތަކެވެ. ފަލަސްޠީނުގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ އަދި ހަތިޔާރުއެޅި މުޖާހިދުން ނުހިމެނޭ މި ކޮމިޓީއަށް ޣައްޒާގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ޔަހޫދީން ނުދޭތީ، މި ވަގުތު ކޮމިޓީގެ މަސައްކަތްތައް ކުރަމުންދަނީ މިޞްރުގެ ޤާހިރާއިންނެވެ.

އެންސީއޭޖީގެ އެކްޓިންގ ކޮމިޝަނަރު ޢަލީ ޢަބްދުލް ޙާމިދު ޝާތު ވިދާޅުވީ، ޣައްޒާއަށް ބާރު ނުފޯރުވޭ އަދި އެހީގެ ސާމާނު ވެއްދުމުގެ ބާރެއް ނެތް ކޮމިޓީއަކަށް، ސަހަރެއް ހިންގާ ބައެއްގެ ގޮތުގައި ޤާއިމުވުމަކީ ނުހަނު ދަތި ކަމަކަށް ވާނެ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މުޅި ޣައްޒާ ސުންނާފަތިކޮށްފައިވާއިރު، މިހާރުވެސް ޣައްޒާގެ 60 އިންސައްތަ އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. އަދި އެ ސަހަރުގެ 75 އިންސައްތަ ބާރުގެ ދަށަށް ގެންދަން ބޭނުންވާ ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ބުނަމުންނެވެ. ޙަމާސްއިން ތުހުމަތުކުރާ ގޮތުގައި، ޔަހޫދީންގެ ބޭނުމަކީ ޣައްޒާގައި އިދާރީ ހުސްކަމެއް އުފައްދައި، ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ހުރަސްއެޅުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ