ވޯލްޑް ކަޕްގެ ފޯރީގައި ބަންގްލަދޭޝް ކެކި އަރަނީ؛ ހަމަނުޖެހުންތަކާއި އެކްސިޑެންޓްތަކުގައި 12 މީހުން މަރުވެއްޖެއެވެ.
ބަންގްލަދޭޝް އަކީ ދުވަހަކުވެސް ފީފާ ވޯލްޑް ކަޕެއްގައި ކުޅެފައިވާ ޤައުމަކަށް ނުވި ނަމަވެސް، އެ ޤައުމުގައި މި މުބާރާތުގެ ފޯރި ހުރީ މުބާރާތުގައި ވާދަކުރާ ބައެއް ޤައުމުތަކަށްވުރެ ވެސް މާ ގަދަކޮށެވެ. މެޗު ބަލާ ޖަގަހަތަކަށް އެތައް ހާސް ބަޔަކު އެއްވެ، އާޖެންޓީނާ، ބްރެޒިލް އަދި މެސީއާއި ރޮނާލްޑޯއަށް ސަޕޯޓުކުރުމުގައި ބޮޑު ވާދަވެރިކަމެއް ދަނީ ދައްކަމުންނެވެ.
އަވަށްޓެރި ބަންގްލަދޭޝް އިން ފެންނަނީ މުޅިން ތަފާތު، ހިތާމަވެރި މަންޒަރެކެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މިދިޔަ ޖޫން 9 އިން ފެށިގެން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ވޯލްޑް ކަޕާ ގުޅިގެން އެ ޤައުމުގައި 15 ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި މި ހަމަނުޖެހުންތަކާއި އުފާފާޅުކުރުމުގެ ތެރޭގައި ދިމާވި އެކި ހާދިސާތަކުގައި ޖުމްލަ 12 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ބައެއް ސަޕޯޓަރުންގެ މެދުގައި ހިނގި މާރާމާރީތަކުގައި މަރުވި 5 މީހެއްގެ އިތުރުން، ކަރަންޓުގައި ޖެހިގެން 2 މީހަކާއި، މަގުމަތީ އެކްސިޑެންޓްތަކުގައި 2 މީހަކު އަދި އެހެނިހެން ހާދިސާތަކުގައި 2 މީހަކު މަރުވުން ހިމެނެއެވެ. މާރާމާރީގެ މަރުތަކާ ގުޅިގެން އެ ޤައުމުގެ ފުލުހުން މިހާރު ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
އެންމެ ފަހުން ހިނގި ނުރައްކާތެރި ޙާދިސާ ހިނގާފައިވަނީ ރައުންޑް އޮފް 16 ގައި އާޖެންޓީނާއިން މިޞްރު ބަލިކުރި މެޗަށްފަހު ދާންޕޫރު އަވަށުގައެވެ. އެ މެޗުގެ ފޯރީގައި އާޖެންޓީނާގެ ދެ ސަޕޯޓަރަކު ދިން ހަމަލާއެއްގައި އުމުރުން 32 އަހަރުގެ ޝަރީފުލް އިސްލާމް ވަނީ މަރާލާފައެވެ. މީގެ އިތުރުން ބްރެޒިލްއާއި ޖަޕާން ބައްދަލުކުރި މެޗަށްފަހު ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ދިން ހަމަލާއެއްގައި 15 އަހަރުގެ ކުޑަކުއްޖަކު ވެސް ވަނީ މަރުވެފައެވެ.
މި މަރުތަކުގެ އިތުރުން ވެސް، ވޯލްޑް ކަޕްގެ ފޯރީގެ ތެރެއިން ހިނގައިދިޔަ އެކި ހަމަނުޖެހުންތަކުގައި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.


