ބިދޭސީންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންދިއުން,ފޮޓޯ: ފުލުހުން

ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 47 އިންސައްތައަކީ ބިދޭސީން؛ މުޅި އާބާދީ 5.9 ލައްކައަށް!

ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ މުޅި އާބާދީގެ 47 އިންސައްތައަކީ ބިދޭސީން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ތަފާސްހިސާބާ ބެހޭ ޤައުމީ މަރުކަޒު) ގެ އެންމެ ފަހުގެ ހިސާބުތަކުން ހާމަވެއްޖެއެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމަށްފަހު އާންމުކުރި މި ޑޭޓާތައް ދައްކާގޮތުން، ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީ މިހާރު ވަނީ 590,079 އަށް އަރާފައެވެ.

މި އާބާދީގެ ތެރެއިން ދިވެހިންގެ އަދަދަކީ 394,054 އެވެ. އަދި ބިދޭސީންގެ އާބާދީ ވަނީ 196,024 އަށް އުފުލިފައެވެ. މިއާއެކު، ރާއްޖޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެއިން 1 މީހަކީ ބިދޭސީއެކެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރުވީ 11,000 އެއްހާ ދިވެހިންނެވެ. ނަމަވެސް، ބިދޭސީންގެ ޑޭޓާ ބެލެހެއްޓުން ހަރުދަނާވުމާއެކު، އެ މުއްދަތުގައި ރެކޯޑުކުރެވުނު ބިދޭސީންގެ ނިސްބަތް ވަނީ 63,000 އަށްވުރެ މައްޗަށް އަރާފައެވެ.

އާބާދީގެ ތަފްޞީލަށް ބަލާއިރު، މަސައްކަތްކުރާ ޢުމުރުފުރާ ކަމަށްވާ 20 އަހަރާއި 45 އަހަރާ ދެމެދުގެ އާބާދީގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ އަދަދު ގިނައެވެ. ޚާއްޞަކޮށް ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި ބިދޭސީންގެ ނިސްބަތް ބޮޑެވެ. މާލޭގައި ދިރިއުޅޭ މީހުންގެ ކޮންމެ 3 މީހަކުން 1 މީހަކީ ބިދޭސީންނަށް ވާއިރު، އަތޮޅުތެރޭގެ ރަށްރަށުގައި ކޮންމެ 5 މީހަކުން 1 މީހަކީ ބިދޭސީއެކެވެ. އަދި ރާއްޖޭގެ ރިސޯޓުތައް ފަދަ ސިނާއީ ރަށްރަށުގެ އާބާދީގެ 80 އިންސައްތައަކީ ބިދޭސީންނެވެ.

ރާއްޖޭގެ އާބާދީގެ ޢުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައީ 36 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 144,606 މީހުންނެވެ. ޒުވާނުންގެ އާބާދީގައި 108,262 މީހުން ހިމެނޭއިރު، 17 އަހަރުން ދަށުގެ ކުޑަކުދިންގެ އާބާދީއަކީ 114,361 އެވެ.

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގައި ކުދިން އުފަންވާ ނިސްބަތް މިހާރު ހުރީ ކަންބޮޑުވާ މިންވަރަށް މަދުވެފައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވަރި ގިނަވުމާއި ބޯހިޔާވަހިކަމުގެ ދަތިތައް ހިމެނެއެވެ. އަންދާޒާކުރެވޭ ގޮތުގައި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ރާއްޖޭގެ މަސައްކަތްކުރާ އާބާދީ ވަރަށް ބޮޑަށް ދަށްވާނެއެވެ. އެހެންކަމުން، ޤައުމީ ފެންވަރުގައި މިކަމަށް ޙައްލެއް ނުހޯދިއްޖެނަމަ، ދިވެހިންނަށްވުރެ ބިދޭސީންގެ އާބާދީ އިތުރުވެ، އިޤްތިޞާދީ އަދި އިޖުތިމާޢީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުޞަތު އެބައޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ