ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން، ފޮޓޯ: މަޖިލިސް

ފައިސާ ޗާޕުކޮށްގެން އުފެއްދި މާލީ ނުރައްކަލުގެ ޒިންމާ އަމީރު އުފުއްލަވަންޖެހޭ: އަޒާން

އެމްޑީޕީގެ ސަރުކާރުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް ދައުލަތަށް ފައިސާ ދޫކުރި މިންވަރު ނުވަތަ ފައިސާ ޗާޕުކުރި މިންވަރު ދެގުނައަށްވުރެ އިތުރުވެފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަޒާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމްއެމްއޭގެ ރަސްމީ ތަފާސްހިސާބުތަކާ ޙަވާލާދީ ވިދާޅުވީ، 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން އެމްއެމްއޭއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ހުރީ 6.25 ބިލިއަން ރުފިޔާގައެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރު، 2023 ގެ ނިޔަލަށް އެ ޢަދަދު ވަނީ 14.61 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. އަދި ދައުލަތުގެ ނެޓް ދަރަނި 5.28 ބިލިއަނުން 12.61 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއީ އިޤްތިޞާދީ ބަހުން "މޮނިޓަރީ ފައިނޭންސިންގ" ނުވަތަ އާންމު ބަހުން ނަމަ ފައިސާ ޗާޕުކުރުންކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ، އެ ދުވަސްވަރު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން، ބާޒާރަށް ނެރޭ އިތުރު ފައިސާ އަނބުރާ ނަގާނެ ކަމަށް އޭރުގެ މިނިސްޓަރު އަމީރު ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ކުރެވިފައިނުވާ ކަމަށެވެ.

އަޒާން ވިދާޅުވީ، މިއަދު އަމީރު ތަކުރާރުކޮށް ތަކެތީގެ އަގުބޮޑުވުމާއި (އިންފްލޭޝަން) ދިވެހި ރުފިޔާއަށް ކުރިމަތިވެފައިވާ ފިއްތުންތަކުގެ ވާހަކަ ދައްކަވާއިރު، މިހާރު ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މާލީ ނާޒުކުކަމުގެ އަސްލަކީ އަމީރުގެ އަމިއްލަ ސިޔާސަތުތައްކަން އޮޅުވާލައްވަން އަމީރު މަސައްކަތް ކުރައްވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ