ނިމެމުންދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފޯރިން ދިވެހިން މަހުރޫމުވިޔަ ނުދީ، މުޅި ރާއްޖެ މި އީދުގައި ޝާމިލުކޮށްދިނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކަމަށާއި އެއީ ޝުކުރު ހައްގު ބުރަ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖްގައި ހަރަކާތްތެރިވި ޕްރެޒެންޓަރުންނާއި، އެނަލިސްޓުން އަދި ކޮމެންޓްރޭޓަރުންގެ އަގުވަޒަންކުރުމަށް ޓީވީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މެޗުތަކުގެ ޕްރީ-ޝޯވތަކުން ޓީމުތަކުގެ ޓެކްޓިކްސްތަކާއި ކޯޗުންގެ ވިސްނުން ފަދަ މުހިންމު މައުލޫމާތުތައް އެނަލިސްޓުން ގެނެސްދިނުމުން، އޮފީސްތަކާއި އާއިލާތަކުގެ މެދުގައި މެޗުތައް ޕްރިޑިކްޓްކުރަން ފަސޭހަވިކަން ފާހަގަކުރެއްވިއެވެ.
އަދި ދިވެހިރާއްޖޭގެ އަޑުން މުޅިން އަލަށް ގެނެސްދިން ދިވެހި ލައިވް ކޮމެންޓްރީގެ ސަބަބުން، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ވެސް މުބާރާތުގެ ފޯރީގައި ބައިވެރިވުމުގެ މަގު ފަހިވެގެންދިޔަކަން ފާހަގަކުރައްވައި އެޗްޕީއޭގެ މަސައްކަތަށް ތައުރީފު ކުރެއްވިއެވެ.
މި ކަވަރޭޖް ކާމިޔާބުކަމާއެކު ގެނެސްދިނުމުގައި އެންމެ ބޮޑު ހިއްސާއެއްް އަދާކުރީ ޕްރެޒެންޓަރުންނާއި އެނަލިސްޓުން ކަމަށް ވިދާޅުވެ، އެ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ އަގު ނައިބު ރައީސް ވަނީ ވަޒަންކުރައްވާފައެވެ.
މި އަހަރުގެ ވޯލްޑް ކަޕް ކަވަރޭޖްގައި ޕީއެސްއެމްގެ ފަރާތުން 7 ޕްރެޒެންޓަރުންނާއި 11 އެނަލިސްޓުން ހަރަކާތްތެރިވެފައިވާއިރު، މި ރަސްމިއްޔާތުގައި އެ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކޮށް ނައިބު ރައީސް ވަނީ ޚާއްޞަ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.



