ރާއްޖޭގައި ސައިބާ ކްރައިމް %105 އިތުރުވެއްޖެ، އެންމެ ގިނައީ އޮންލައިން ޝޮޕިންގ ސްކޭމް!

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގައި ސައިބާ ކްރައިމް (އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް) 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 512 މައްސަލަ ހުށަހެޅިއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އިތުރުވެފައެވެ.

މިހާ ބޮޑަށް ކުށްތައް އިތުރުވާން ދިމާވީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ގިނަވުމުންނެވެ. އެގޮތުން އެންމެ ބޮޑަށް އިތުރުވީ އޮންލައިން ޝޮޕިންގ ސްކޭމްތަކެވެ. އެ ބާވަތުގެ ކުށްތައް 86 އިން 464 އަށް (%439) އިތުރުވެފައިވާއިރު، ސޯޝަލް މީޑިއާ ސްކޭމްތައް ވަނީ 15 އިން 109 އަށް (%626) އިތުރުވެފައެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ސްކޭމްތައްވެސް ވަނީ %83 އިތުރުވެފައެވެ.

ނަމަވެސް، މީގެ ކުރިން އާންމުކޮށް ފެންނަ ބައެއް ކުށްތައް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 16 އިން 4 އަށް (%75) ދަށަށް ގޮސްފައިވާއިރު، އެކައުންޓްތައް ހެކްކުރުމާއި ކާޑު ފްރޯޑްގެ މައްސަލަތައްވެސް ވަނީ މަދުވެފައެވެ.

ފުލުހުން ދަނީ ސައިބަރ ކުށްތަކުން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 182 މައްސަލައެއްގައި ފަންނީ އެހީތެރިކަން ދީ، ހެކްކޮށްފައިވާ 120 ސޯޝަލް މީޑިއާ އެކައުންޓެއް އަނބުރާ ހޯދައިދީފައިވެއެވެ. އަދި ހޭލުންތެރިކުރުމުގެ ސެޝަންތަކުން 3,143 މީހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން އިލްތިމާސްކުރައްވަނީ ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ހޭލުންތެރިކަން ކަމަށްވާތީ، އޮންލައިން މުއާމަލާތްތަކުގައި ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މަޢުލޫމާތާއި ބޭންކިންގ ތަފްޞީލު އެހެން މީހުންނާ ހިއްސާނުކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ