އީރާނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަން ފެށިކަން ޓްރަމްޕް ކޮންގްރެސްއަށް އަންގައިފި

އީރާނާ ދެކޮޅަށް މެދުކަނޑާލާފައި އޮތް އަސްކަރީ ހަރަކާތްތައް ޖުލައި 7 ވަނަ ދުވަހުން ފެށިގެން އަލުން ފަށާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްއަށް ރަސްމީކޮށް އަންގައިފިއެވެ. ވައިޓް ހައުސްއިން ބުނާ ގޮތުގައި މި އެންގުމާއެކު، ކޮންގްރެސްގެ އިތުރު ހުއްދައަކާ ނުލައި އެ ސަރަޙައްދުގައި އަސްކަރީ ބާރު ބޭނުންކުރުމުގެ 60 ދުވަހުގެ މުޙުލަތެއް ރައީސަށް ލިބިގެންދާނެއެވެ.

ރޮއިޓަރސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ކޮންގްރެސްއަށް ފޮނުވި ސިޓީގައި ބުނީ، މިއީ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަމާއި، ޤައުމީ ސަލާމަތް އަދި ޚާރިޖީ ސިޔާސަތު ހިމާޔަތްކުރުމަށް ރައީސަށް ލިބިދޭ ޒިންމާގެ ދަށުން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

އެމެރިކާއިން ޔަހޫދީންނާ ގުޅިގެން އީރާނަށް އަމާޒުކޮށް ޙަމަލާދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ 28 ގައެވެ. އޭގެފަހުން އޭޕްރީލް މަހު ހަނގުރާމަ މެދުކަނޑާލުމަށްފަހު، ޖޫން 17 ގައި ވެވުނު ސުލްޙައިގެ އެއްބަސްވުމާ އީރާނުން ޚިލާފުވެ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި އުޅަނދުތަކަށް ޙަމަލާދީފައިވާތީ، ޙަމަލާތައް އަލުން ފަށަން އެންގީ ކަމަށް ޓްރަމްޕް ތުހުމަތުކުރިއެވެ.

އެމެރިކާގެ ޤާނޫނު ބުނާގޮތުން ހަނގުރާމަ އިޢުލާނުކުރުމުގެ ބާރު އޮންނަނީ ކޮންގްރެސްއަށެވެ. އަދި ހުއްދަ ނެތި ފަށާ ހަނގުރާމައެއް 60 ދުވަސް ތެރޭ ހުއްޓާލަންޖެހޭއިރު، އެ މުއްދަތު މެއި 1 އަށް ވަނީ ހަމަވެފައެވެ. ނަމަވެސް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާއެކު އެ މުއްދަތުގެ ޤާނޫނަށް ޢަމަލުކުރެވިއްޖެ ކަމަށް ޓްރަމްޕް މާނަކުރެއްވުމުން، އިދިކޮޅު ފަރާތްތަކުން ދަނީ އެއީ ޓްރަމްޕް އަމިއްލަފުޅަށް ޤާނޫނު މާނަކުރެއްވުން ކަމަށް ބުނަމުންނެވެ.

މި ހަނގުރާމަ ހުއްޓާލައި ސިފައިން އަނބުރާ ގެނައުމަށް މިދިޔަ މަހު ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޤަރާރެއް ފާސްކުރި ނަމަވެސް، ޓްރަމްޕް ވަނީ އެ ޤަރާރަށް ފާޑުވިދާޅުވެ، އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ