ރައްޔިތުންނަށް އާސަންދަ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް އަލަށް ހުޅުވައިފިއެވެ.
އާސަންދައިން ވިދާޅުވި ގޮތުގައި، މި ހުޅުވުނު އައު ކައުންޓަރުތަކާއެކު، އެ އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް އާސަންދަ ކުންފުނީގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ޚިދުމަތްތައް ލިބޭނެ މަގު ވަނީ ފަހިވެފައެވެ. އަލަށް ކައުންޓަރުތައް ހުޅުވައިފައިވާ އަތޮޅުތަކާއި ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ދ. ކުޑަހުވަދޫ
- ލ. ގަން
- ގދ. ތިނަދޫ
- ޏ. ފުވައްމުލައް ސިޓީ
މީގެ ކުރިން އާސަންދައިގެ ކައުންޓަރުތައް ޤާއިމުކޮށް ޚިދުމަތް ދެމުންދަނީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ. މި އިތުރުކުރެވުނު ކައުންޓަރުތަކުގެ ސަބަބުން، ބޭސްފަރުވާއަށް އެހީއަށް އެދުމާއި، ކުންފުންޏާ ގުޅުންހުރި އެންމެހައި އިދާރީ ކަންކަން ރަށުން ބޭރަށް ނުގޮސް، ޚާއްޞަކޮށް އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތާއި އެހީތެރިކަން ހޯދުމަށް ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އެންމެހައި ޞިއްޙީ ޚިދުމަތްތަކަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެ ޚިދުމަތްތަކެއް ކަމަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދަވާ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އާސަންދަ ކައުންޓަރުތައް ޤާއިމުކޮށްފައިވާ ރަށްތަކުގައި އަރބަން ސެންޓަރުތައް ޤާއިމުކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންދަކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ.


