މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން "މިނިވަން ރަން" ގެ ނަމުގައި 5 ކިލޯމީޓަރުގެ ދުވުމެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވައިފިއެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއާއި "ވީރަން މޯލްޑިވްސް" ގުޅިގެން އިންތިޒާމުކުރި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި ދުވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުން ކަމަށެވެ.
ހުރިހާ އުމުރުފުރައެއްގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ދުވުން ނިންމި ފަރާތްތަކަށް ޚާއްޞަ ބެޖެއް ދީފައިވާއިރު، ބައިވެރިން ވަނީ އާއިލާއާއި ރައްޓެހިންނާއެކު މިފަދަ އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ލިބުމުން ހިތްހަމަޖެހުން ފާޅުކޮށްފައެވެ.
އަދި އަންނަ އަހަރު ރާއްޖޭގެ އެހެން ސިޓީތަކަށްވެސް މި ހަރަކާތް ފުޅާކުރުމަށް "ވީރަން މޯލްޑިވްސް" އިން ވަނީ ނިންމާފައެވެ.


